ދައުލަތުގެ ބަޖެޓުން 18 މީޑިއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކޮށް، އެ ފައިސާ ދޭން ނިންމި ގޮތަށް ޝަކުވާކުރަން ފެށުމުން, އިންފޮމޭޝަން މިނިސްޓްރީން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.
އެ ނިންމުން ބާތިލުރުމަށްފަހު މިނިސްޓްރީން ބުނީ މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ކުރަން މި ސަރުކާރުން އުފެއްދި ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ހަވާލުކުރިކަމަށެވެ.
މި ފައިސާ ދޫކުރުމަށް އެކުލަވާލި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޕާމަނަންޓް ސެކެރެޓަރީ ފާތިމަތު އަހުމަދުއެވެ. އަދި އެމްއެމްބީސީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.
މި އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާއި ގުޅިގެން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއި ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުންކަމަށް އޮންފޮމޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މި އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިން ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަން އެމްއެމްބީސީން ކުރިއަށް ގެންދިއުމަށް ހަވާލުކުރންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި އެމްއޯޔޫގެ ދަށުން މާލީ އެހީލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން މިނިސްޓްރީ އާއި ހިއްސާކުރުމާއެކު އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށްވެސް އިންފޮމޭޝަން މިނިސްޓްރީން ބުނެއެވެ.