އޯޝަން ޑެކޭޑްއަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އިލްމު ހޯދުމަށް ޔުނެސްކޯއިން އެކުލަވާލާފައިވާ ބޯޑެކެވެ.
މިދިޔަ ސަރުކާރުގައި އެންވަރަމަންޓް މިނިސްޓާރުކަން ކުރެއްވި ޝައުނާ މި ބޯޑުގައި މަސައްކަތްކުރައްވާނީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން 2027 ގެ ޑިސެމްބަރުގެ ނިޔަލަށް ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުރިއަށް އޮތް އަހަރުތަކުގައި އޯޝަން ޑެކޭޑްގެ މަގްސަދުތައް ތަންފީޒުކުރުމުގައި ލަފާ ދިނުމެވެ. އެގޮތުން ވަސީލަތްތައް ބޭނުންކުރަންވީ ގޮތާއި އެކި ސަރަހައްދުތަކާއި ގްރޫޕްތައް ތަމްސީލު ކުރުވުމުގައި ކުރަންވީ ކަންކަމަށް ލަފާދޭނެއެވެ.
ޑެކޭޑް އޮފް އޯޝަން ސައެންސް ފޯ ސަސްޓެއިނަބަލް ޑެވެލޮޕްމެންޓްގެ ބޯޑަށް އައްޔަންކޮށްފައިވަނީ އެކި ގައުމުތަކަށް ނިސްބަތްވާ، ކަނޑާ ބެހޭ 10 ތަޖުރިބާކާރުންނެވެ. ދެ ޗެއާމަނުން ހިމެނޭ ބޯޑުގެ ޗެއާގެ ގޮތުގައި ތިއްބެވީ އޮސްޓްރޭލިއާގެ އިންޓަގްރޭޓެޑް މެރިން އޮބްޒާވިން ސިސްޓަމްގެ ޑިރެކްޓަރު ޑރ. މިޝެލް ހިއުޕެލްއާއި ޔުނިވާސިޓީ އޮފް ވެސްޓް އިންޑީސްގެ އެންވަޔަރަމެންޓަލް ޖޯގްރަފީ ޕްރޮފެސަރު ޑރ. ޑޮނޮވަން ކޭމްޕްބެލްއެވެ.