އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އެމްޑީޕީން މިއަދު ވަނީ ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ، ޓައިމްލައިން އާއްމުކޮށްފައެވެ.
އެ ޓައިމްލައިންގައި ވާ ގޮތުން އެމްޑީޕީގެ މަޖިލިސް ޕްރައިމެރީ އޮންނާނީ އަންނަ ޖެނުއަރީ 30 ވަނަ ދުވަހުއެވެ. ވޯޓްލުން ކުރިޔަށް ދާނީ އެ ދުވަހުގެ 14:30 އިން 20:00 ކަމަށް އެ ޕާޓީން ބުނެއެވެ.
އިންތިހާބުގެ ފޯރި މިހާރުވެސް ވަނީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި ގަދަވެފައެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ކެމްޕެއިން ޕާޓީ ތެެރޭ ފެށި ސާލިހާ ނަޝީދު ފެކްޝަނުން އަންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް މިހާރުވެސް ދެމުންނެވެ.
އެޕާޓިން މޭޔަރު ޕްރައިމެރީގައި ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. ދެ ޕެކްޝަނެއް އޮތް އެމްޑީޕީގައި އާދަމް އާޒިމް ހުންނެވީ ސާލިހް ފަޅީގެ ތާއީދާއެކުއެވެ. އަލީ އާޒިމް ހުންނެވީ ނަޝީދުގެ ފަޅީގެ ތާއީދާއެކުއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލް ޕްރައިމެރީ މިމަހުގެ 27 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމާފައެވެ.