އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގުރުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ކަމަށެވެ. ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލު ހޯލުގައެވެ.
ނަމަވެސް މިނިސްޓްރީން ބުނި ގޮތުގައި، ގުރު ނަގާނީ، ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ މީހުންގެ ކުރިމަތީ، މިނިސްޓްރީގެ މުވައްޒަފުންނެވެ.
އެހެންކަމުން އެ ވަގުތު ހޯލަށް ވަދެވޭނީ އެ ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މީހަކު އަންނައިރު އައިޑީ ކާޑު ގެންނަން ވާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު، ހިޔާވަހި ޕޯޓަލުން ފެންނާނެ ކަމަށެވެ.
ހުޅުމާލެ ފޭސް 3 އިން 1351 ގޯތި ދިނުމަށްޓަކައި، ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ވަކި ހިސާބަކަށް ގޮސް، ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އިތުރު ޑްރެޖަރުތަކެއް ގެނެސް އެ މަސައްކަތް މިހާރު ވަނީ ހަލުއިކޮށްފަ އެވެ.
ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ ފަހުކޮޅުގައި ވިދާޅުވެފައި ވެއެވެ.