ads
ރޮހިންޔާ މުސްލިމުން
ރޮހިންޔާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭން ފަށަނީ
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޖަރީމާގެ މައްސަލައިގެ އަޑުއެހުންތައް އަންނަ އަހަރުގެ ޖެނުވަރީ މަހު ފެށުމަށް އިންޓާނޭޝިނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ތާވަލުކޮށްފި އެވެ.
Advertisement

އެކުވެރި ދައުލަތްތައް (އދ)ގެ އެންމެ މަތީ ކޯޓު ކަމުގައިވާ އައިސީޖޭން ބުނީ، އެ މައްސަލައިގެ އަޑުއެހުންތައް ޖަނަވަރީ 12ން ފެށިގެން 29އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ތާވާލު ކޮށްފައިވާ ކަމުގަ އެވެ.

މިއީ، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގަތުލުއާންމެއްގެ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. 

މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ގެމްބިޔާއިންނެވެ.

އެފްރިކާ ބައްރުގެ ހުޅަނގުގައި އޮތް މުސްލިމުންގެ އާބާދީ ބޮޑު ގެމްބިޔާއިން އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ އިސްލާމީ ގައުމުތަކުގެ އިއްތިހާދު (އޯއައިސީ)ގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. 2019ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައަށް ހުޅަނގުގެ ބާރުތައް ކަމުގައިވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ކެނެޑާއިން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

އައިސީޖޭން ބުނީ، ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ވަކާލާތު ކުރުމުގެ ފުރުޞަތު ޖަނަވަރީ 12ން 15ށް އެ ގައުމަށް ލިބިގެންދާނެ ކަމުގައެވެ. 

އަދި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ދޮގު ކުރަމުންދާ މިޔަންމާއަށް، ޖަނަވަރީ 16ން 20ށް، އެ ގައުމުގެ ދިފާއު ހުށަހެޅުމުގެ ފުރުސަތު ލިބިދެވޭނެ ކަމުގަ އެވެ. 

މީގެ އިތުރުން، ހެކިންގެ ހެކި ބަސް ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް ވެސް އައިސީޖޭން ވަނީ ނިންމާފަ އެވެ. ނަމަވެސް، އެ އަޑުއެހުންތައް ކުރިއަށް ދާނީ ސިއްރު ކޮށްގެންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް