5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމް އަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާތުން، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 1 މިލިޔަން ގަސް އިންދާފައި ވެއެވެ.
އަދި އަންނަ އަހަރު އިތުރު ގަސްތައް އިންދާނެކަން ފާހަގަކުރައްވާ އެންވައިރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 2 ހައިވަކަރު ގަސް މިހާރު އިންދާފައިވާކަމަށެވެ.
5 މިލިޔަން ގަސް އިންދިމުގެ ޕްރޮގްރާމްގެ ތެރެއިން މިއަހަރުގެ ނިޔަލަށް މިލިޔަނަކަށްވުރެ ގަސް އިންދޭނެކަމަށް މިނިސްޓަރު ތާރިގު އިބްރާހިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މި ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި އެންވާރަމަންޓް މިނިސްޓްރީން ވަނީ މިއަހަރުތެރޭވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
އެގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް ވަނީ ތައްޔާރުވެފަ އެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފަ އެވެ.