ރައީސް މައުމޫނަށް ފަހު ވެސް ތައުލީމީ މީހުން ރާއްޖެ ހިންގައިފި އެވެ. ތައުލީމީ ފެންވަރުގެ ގޮތުން ޑޮކްޓަރޭޓް ފެންވަރުގެ ބޭބޭފުޅުން ތައުލީމީ ވަޒީރުކަން ކުރައްވައިފި އެވެ. ގައުމީ މުގައްރަރު ބަދަލުކޮށްފި އެވެ. ކިޔަވައިދިނުމުގެ ނިޒާމަށް ބަދަލު ގެނެސްފައިވާ ވާހަކަ ވަރަށް ގަދަ އަށް ދައްކަ އެވެ. ވަށާ ޖެހޭ ތައުލީމެއްގެ ވާހަކައިގެ އަޑު ކަނޑައިގެން ނުދާ ވަރަށް އެ ވާހަކަ ރަށުތެރޭގައި ދައްކަ އެވެ.
ސުވާލަކީ މި ހުރިހާ ކަމެއްކޮން ނިންމާފައިވާ އިރު ނުވަތަ ކުރަމުންދާއިރު ޒުވާން ޖީލަށް ވަމުން މިދަނީ ކިހިނެއް ހެއްޔެ އެވެ. ސްކޫލް ކުދިންގެ އުޅުމަށް މިއަންނަނީ ބެލެނިވެރިންނާއި ރައްޔިތުން އަދި ޖުމްލަކޮށް ގައުމު ފަހުރުވެރިވާ ފަދަ ބަދަލެއް ތޯ އެވެ. ކިޔަވައިދިނުމާ ބެހޭ ގޮތުން ދެ މީހަކު އެއްވެ ވާހަކައެއް ދައްކާ ނަމަ މި ސުވާލުތައް އެންމެ ކުޑަވެގެން މި ވާހަކަތަކުގެ ސުރުހީ އަޅާލާނެ ދޫކޮށް ނުލާނެތާ އެވެ.
ދޮށީ އުމުރުގެ މީހުންނާއި ޒުވާން އުމުރުގެ މީހުންގެ އަހްލާގާ މެދު ވިސްނާ ފިކުރުކޮށް ރަނގަޅަށް ބަލައިފިނަމަ، އަހްލާގު ދަށް ވާނީ ކޮން އުމުރެއްގެ ބައެއްތޯ މިއީ ވެސް މިހާރުކޮށްލަން ރަނގަޅު ސުވާލުކެވެ. މި ސުވާލު ކުރަން ޖެހޭ ސަބަބެއް އޮންނާނެ ކަމަށް ފެނެ އެވެ. އެއީ އެ ޒަމާނާއި މިޒަމާނުގެ ހާލަތެވެ. ދެ ޒަމާނެއްގެ މީހުންގެ ވާހަކަ ދައްކާއިރު ދުވަސްވީ މީހުންގެ ޒަމާން މާޒިވަމުންދާ ދިޔުމާއެކު މުސްތަގުބަލުގެ އުއްމީދުތަކާ ގުޅިފައިވާ ޒުވާނުންގެ އަހްލާގުގެ ވާހަކަ ދައްކަން ޖެހެ އެވެ. މިއީ ނުދައްކާ ދޫކޮށްލުން ރަނގަޅު ވާހަކަތަކެއް ވެސް ނޫނެ އެވެ. އެންމެ ފަހުން އައްޑޫ ސްކޫލެއްގައި ހިނގި ހާދިސާއިން ދައްކައިދެނީ ކިޔަވާ ކުދިންގެ އަހްލާގާ މެދު ގައުމީ ފެންވަރެއްގައި އިލުމުވެރިންނާއި ތަންދޮރުދަން މީހުންނާއި ހުރިހާ ފިކުރަކާއި ވިސްނުމެއްގެ ބަޔަކު ބައިވެރިކޮށްގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމެވެ. އެހާދިސާއައެކު ސްކޫލަށް ކުއްޖާ ފޮނުވާ ފޮނުވުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ބަލާލަން އެބަޖެހެ އެވެ.
ތައުލީމީ ދާއިރާގައި 25 އަހަރު އުޅުއްވުމަށް ފަހު މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވީ އިއްޔެ އާއި މިއަދުގެ ތަފާތު މަދަރުސާތަކުން ފެންނަނީ "ތަފާތު" ކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ސުކޫލު ތަކަށް ބެލެނިވެރިން ކުދިން ފޮނުވަނީ އަހުލާގު ރަނގަޅު ތައުލީމީ ދަރިއެއް ބިނާ ކުރުމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް މިއަދު ސުކޫލަށް ބެލެނިވެރިން ކުދިން ފޮނުވަނީ "މޮޅު" ކުއްޖަކަށް ހަދަން ކަމަށެވެ. އޭގެ ނަތީޖާ އަކީ މިއަދު ކުދިން ވެސް ބޭނުންވަނީ ތައުލީމަށް ވުރެ ކުރިން މޮޅުވާން ކަމަށެވެ.
ތައުލީމީ ދާއިރާގައި "ކުޅިވަރު" ގިނަ ވެއްޖެ ކަމުގެ ކަންބޮޑުވުން އިހުގެ ޓީޗަރުން ވެސް ކުރައްވާއިރު މިކަމަށް އެއްބަސް ވެ ރާއްޖޭގެ ސްކޫލްތަކުގައި އޮތީ މުބާރާތްތައް ކަމަށާއި ހޯމް ސްކޫލިން ތައާރަފްކުރަން ޖެހިފައިވާ ކަމަށް ކުރީގެ މިނިސްޓަރު އަދި ޕްރިންސޕަލް ކަން ވެސް ކުރައްވާފައިވާ ރާޝިދާ ޔޫސުފް ވެސް ވަނީ މިފަހުން ވިދާޅުވެފައި އެވެ.
ގިނަ އަހަރުތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި ރާޝިދާ ޔޫސުފް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ ރާއްޖޭގައި ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށް އެދިވަޑައިގެންފައި. - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ މީހުންނާ ބައްދަލުކުރަން ބާއްވަވާ ބައްދަލުވުންތަކުގައި މިފަހުން ގަލޮޅު ރައްޔިތުންނާ އެކި ބޭއްވެވި ބައްދަލުވުމުގައި ރާޝިދާ ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ސްކޫލްތަކުގައި މިހާރު ނުލިބޭ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޫތު އެންޑް ވިމެންސް އެފެއާޒް މިނިސްޓަރުކަމާއި ވިމެންސް އެފެއާޒް އެންޑް ސޯޝަލް ވެލްފެއާ މިނިސްޓަރުކަމާއި ވިމެން އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރުކަން އަދި ލަންކާގައި ހުންނަވާ ހައި ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ރާޝިދާ ވިދާޅުވީ މިއީ އޭނާ ސްކޫލެއް ހިންގެވި އިރު ވެސް ފެށިގެން އުޅޭ ކަމެއް ކަމަށެވެ.
ރާޝިދާ ވިދާޅުވީ ސިކުނޑި ބޭނުންކޮށްގެން ވިސްނައި ފިކުރުކޮށްގެން ކަންކަން ދަސްކުރަން މިހާރު ކުދިން ބޭނުން ނުވާ ކަމަށެވެ. ކުދިން ކިޔަވަނީ ހިތުދަސްކޮށްގެން ކަމަށާއި ވިޔަފާރި އުސޫލުން ހައްދާ ޕާސްޓްޕޭޕަރާއި ޓިއުޝަނުން ކަމަށް ވިދާޅުވި އެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދޭ ޕްރޮޖެކްޓުތަކާއި އެސައިންޓްމެންޓްތައް ވެސް ވިޔަފާރި އުސޫލުން ހައްދައިދޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް ރާޝިދާ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ތައުލީމު ދެމުން އަންނަ ގޮތް ބަލައި ދިރާސާކުރަންޖެހޭ ކަމަށެވެ. މިހާރު އޮތް ހާލަތުން، ގައުމު ހިންގުމުގެ ގާބިލްކަން ހުރި ބަޔަކު އުފެއްދިދާނެ ކަމާ މެދު ސުވާލު އުފައްދަވަމުން ރާޝިދާ އެދިވަޑައިގަތީ ގާނޫނަކަށް ފައްތައިގެން ވިޔަސް ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށެވެ.
ކުޑަހުވަދޫގައި ހިންގާ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ކިޔަވައިދެނީ. - ފޮޓޯ: މިހާރު
ދަރިވަރުންގެ އަހްލާގީ މައްސަލަތައް އެ ފެންނަނީ އެ ކުދިން ހިންގާ ކަންކަމުންނެވެ. ކިޔަވާ ކުދިންގެގައިގައި ރަނގަޅު އަހްލާގަކާއި ރަނގަޅު ތަރުބިއްޔަތެއް ނެތުމަށް ވުރެ ބޮޑު ހިތްދަތިކަމެއް އޮންނާނެތޯ އެވެ. ރަނގަޅު އަހްލާގަކާއި ތަރުބިއްޔަތެއް ނެތް ކުއްޖަކު ބޮޑުވެ ޒުވާން އުމުރަށް ދާ އިރު ކަންކަން ހިނގާނެ ގޮތާ މެދު ފިކުރު ކުރަން ނުޖެހޭތޯ އެވެ. ތުއްތު އިރުން ފެށިގެން ރީތި ސިފަތަކާ ދުރުހެލިކޮށް ގެންގުޅެވޭ ނަމަ ކިޔަވައި އުމުރުގައި ވެސް އެކަމުގެ ސަބަބުން ކުއްޖާގެ އަހްލާގާ މެދު ނާއުއްމިދުވާން ޖެހޭ ހިސާބަށް ދާން ޖެހިދާނެ އެވެ.
ދަރިވަރުންގެ އަހްލާގީ މައްސަލަތައް ބޮޑުވަމުން އަންނަ ވާހަކަ ޓީޗަރުން ދައްކާތާ މިހާރު އެތައް ޒަމާނެއް ވެއްޖެ އެވެ. ނަމަވެސް ކަންކަން ހިންގަން ހަވާލުވާ އިސް މީހުންގެ ކަންފަތަށް އިވޭކަމަކަން ނުވި ހަކަލަ އެވެ. އިވޭކަމަށް ނުވި ކަމަށް ފެންނަނީ އެ މައްސަލަ ބޮޑުވެ، ގޯސްވަމުންދާ ސްޕީޑް ބާރުވުމެވެ. ގޯހެއް ހިނގާފާނެ އެވެ. ނަމަވެސް އެ ގޯސް ތަކުރާރުވާ ނަމަ، އެއީ މައްސަލައެކެވެ. މީގެ އެތައް އަހަރެއްގެ ކުރިން ދަރިވަރުންގެ އަހްލާގަށް ނޭދެވޭ ބަދަލު އަންނަ ވާހަކަ ދައްކަން ފަށައިފި އެވެ. ނަމަވެސް މިއަދު ވެސް ހަމަ އެ ދައްކަނީ އެ ވާހަކަތަކެވެ.
ކިޔަވައިދިނުމުގައި 25 އަހަރު ހޭދަ ކުރުމަށް ފަހު ތައުލީމީ ދާއިރާއިން ވަކިވެފައވާ ތަޖުރިބާކާރު ވިދާޅުވި މިދުވަސް އަންނަކަން މީގެ ވިއްސަކަށް އަހަރުކުރިން ފެށިގެން ފާހަގަވެފައިވާ ކަމަށެވެ. އެކަންކަން ފާހަގަވުމާއެކު އެ ކަންކަމުގެ ވާހަކަ ސްކޫލް ހިންގަން ތިބޭ މީހުންނާއި ސިޔާސަތު ކަނޑައަޅަން ތިބޭ މީހުންގެ ސަމާލުކަމަށް އެކަންކަން ގެނެސްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރާ ގޮތުގައި ދަރިވަރުންގެ އަހްލާގަށް އެންމެ ބޮޑު ބަދަލެއް އަންނަށް ފެށީ ކުދިންގެ ހައްގުތަކުގެ ގާނޫނާއި މަސްތުވާތަކެތީގެ ގާނޫނު ނުވަތަ މަސްތުވާތަކެތީގެ ކަންތައްތައް މެނޭޖް ކުރަން ގެންގުޅުނު ސިޔާސަތުތަކުންނެވެ. އެ ދެކަމުގެތެރެއިން އުފަން ކުރުވި ކަންކަމުގެ ތެރޭގައި ރާއްޖެ އާ ނުގުޅޭ ކަންކަން ސްކޫލްތެރެއަށާއި ދަރިވަރުންނާ ހަމައަށް އައިސް އެކަންކަމުން ދަރިވަރުން ބަނދެލައި، ދަރިވަރު ގޯސް މަގަށް އަޅުވާލީ އެވެ.
އޭނާ ވިދާޅުވިގޮތުގައި މައްސަލަ ބޮޑުވެގެން އަންނަ އިރު އެ މައްސަލައަށް ހައްލު ހޯދުމަށް ގެންނަނީ ވެސް ބޭރު މީހުންނެވެ. އެ މީހުންގެ މުޖުތަމުގެ ކަންކަމަކީ އިސްލާމީ މުޖުތަމުތަކުގެ ކަންކަމާ ތަފާތު ގޮތަކަށް ހުންނަ ކަންކަމެވެ. އެހެން ކަމުން ދިވެހިން އެދޭ ރަނގަޅާއި ހައްލު ދިވެހިންނަށް ހޯދައިދެވޭނެ ކަމަށް ދެކިގެން ކުރި ބައެއް ކަންކަމަކީ ވެސް އަހްލާގު ގޯސްވުމަށް މެދުވެރިވި ސަބަބެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
އެނގިގެން ވިޔަސް އަދި ނޭނގި ނަމަވެސް ދިވެހިން އެޅި ފިޔަވަޅެއްގެ ސަބަބުން މިއަދު މިވަނީ މާދަމާ މި ގައުމާ ހަވާލުވާން ތައްޔާރު ކުރަމުންދާ ކުދިންނަކީ މާދަމާއަށް ކުރާ އުއްމީދުތައް ހާސިލުކޮށް ދެވޭވަރުގެ ރަނގަޅު ތަރުބިއްޔަތަކާއި އަހްލާގެއްގެ ވެރި ކުދިންތަކެއް ނޫންކަން އެނގި ހާމަވަމުންނެވެ.
ފިޝަރީޒް ސައިންސަށް ޓީޗަރުން ތަމްރީނުކުރަން ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ޓީޗަރުންތަކެއް. - ފޮޓޯ: އެންއައިއީ އާކައިވް
ހިތާމައަކީ މުސްތަގުބަލަށްޓަކައި ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އަހަރަކު 4-5 ބިލިއަން ރުފިޔާ ހޭދަކޮށްގެން މި ދެވޭ ތައުލީމުން ލިބުނީ އަދި ލިބެނީ އުއްމީދު ކުރި ތައުލީމާއި ތަރުބިއްޔަތާއި އަހްލާގަށް ނުވެ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަންވުމެވެ. މިއީ ހަގީގަތެއްކަމަށް ބެލެނީ މިދިޔަ ވިއްސަކަށް ފަންސަވީހަކަށް އަހަރު ތެރޭގައި ސްކޫލް ނިންމާފައި އަމަލީ މައިދާނަށް ނުކުތް ކުދިންނަކީ ޒަމާނީ ތައުލީމީ ނިޒާމުގެ ތެރެއިން ނުކުތް ކުދިންގެ ކިބާގައި އުއްމީދު ކުރި ކަމަށްވާ ތައުލީމާއި ތަރުބިއްޔަތު އަދި އަމިއްލަ އަށް ދިރިއުޅުމަށް ބޭނުންވާ ހުނަރުގެ މިންވަރު ދަށްވުމެވެ.
އެ ކުދިން ތަރުބިއްޔަތުވެފައި ވަނީ ވެސް އެ ނިޒާމުން ކަމަށް ބެލިދާނެ އެވެ. ނަމަވެސް އެ ނިޒާމުން ލިބުނު ނަތީޖާ އާ މެދު ވިސްނާ ފިކުރު ކުރާއިރު ހާއްސަކޮށް ރާއްޖެ ކަހަލަ އިސްލާމީ މުޖުތަމައު އަކަށްވީ އިރު ސްކޫލް ނިންމާފައި ނިކުންނަނީ ދިވެހިން އުއްމީދު ކުރާ ތަރުބިއްޔަތަކާއި އަހުލާގެއްގެ ވެރި ކުދިންތޯ އެވެ. ދިވެހިން އުއްމީދު ކުރާ ތަރުބިއްޔަތަކާއި އަހުލާގެއްގެ ނެތް ކުދިން ނަމަ އެ ފަދަ ރަނގަޅު ސިފަތައް ހުރި ކުދިން އުފެއްދޭނެ ތައުލީމީ ނިޒާމަކާއި ތަރުބިއްޔަތުގެ ނިޒާމެއް ގާއިމް ކުރަން ހިނގާށެވެ. ކަރަކަރައިން ދައްކާ ވާހަކަތަކަށް ވުރެ ރާއްޖޭގައި ތަޖުރިބާކޮށްފައިވާ ގޮތްތަކުގެ ތެރެއިން މަގުސަދު ހާސިލުވާނެކަމަށް ފެންނަ ގޮތްތަކާއި ހަމަތައް ކިޔަވައިދޭން ހިނގާށެވެ. ނުވަތަ ގޮތްތަކެއް ހޯދަން ޖެހޭނެ އެވެ.
ދަރިވަރުން ތިބެން ޖެހޭނީ މައިންބަފައިންނާއި ކިޔަވައިދޭ މީހުންގެ ހިމާޔަތުގައި އަދި އެ މީހުންގެ ދަށުގައިކަން ދަސްކޮށް ދެމާ ހިނގާށެވެ. މުސްލިމުން ތަރުބިއްޔަތު ކުރުމަށް ދައްކާފައިވާ މަގުން ދިވެހިން ހިނގާނެކަން ކަށަވަރު ކުރެވޭ ގޮތްތަކެއްގެ ތެރެއިން ތައުލީމާއި ތަރުބިއްޔަތު ދެމާ ހިނގާށެވެ. ކާބަފައިންގެ އިރުޝާދާއި ކާބަފައިން ދެއްކި ރީތި ތަރުބިއްޔަތުގެ ފިލާވަޅުތައް އަލުން ކިޔަވައިދޭން ފެށުމަކީ މޮޅެއް ނަމަ އަދި އެދޭ ތަރުބިއްޔަތާއި އަހްލާގު ކުއްޖާގެ ގައިގައި އަށަގަނެވޭނެ ތައުލީމީ ނިޒާމަކަށް، ކިޔަވައިދޭން ފަށަމާ ހިނގާށެވެ.
ތާރީހީ ލިޔުންތަކުން އެނގެނީ މީގެ އެތައް ޒަމާނެއް ކުރިން އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގައި ތައުލީމު ފޯރުކޮށްދިން ކަމެވެ. އެދުރެގެ އާއި އެކި ނަންނަމުގައި ހިންގި ރަށު އަދި އަވަށު މަދަރުސާތަކުގަ އެވެ. ނަމަވެސް ދާއިރާ އަށް އަންނަމުން ދިޔަ ބަދަލުތަކާ އެކު، ތައުލީމު ފޯރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސަރުކާރުން އެކަންކަން ކުރަމުން އަންނަ ހަރަދުގެ ނަތީޖާއިން "ދެކޮޅު" ޖެހޭތޯ މީ މިއަދު އުފައްދަން ޖެހޭ ސުވާލެކެވެ.
އިލްމީ ކުރިއެރުންތަކަކީ އިންސާނިއްޔަތަށް ލިބޭ ތަރައްގީއެއް ކަމަށް ވާއިރު، އެއީ އިންސާނުންގެ ހަލާކު ކަމުގައި ވެސް ފަހަރެއްގައި ވެދާނެ އެވެ. އެއީ ހަރުދަނާ އަހުލާގާއި ތަރުބިއްޔަތުގެ މިންގަނޑުތަކެއް އެކަމުގައި ގާއިމުވެފައި ނެތީ ވިއްޔާ އެވެ. އެހެންކަމުން ސުކޫލް މަދަރުސާއިން ލިބޭ އިލްމީ "ތަރައްގީ" އަކީ އިންސާނިއްޔަތަށް ހުރި ހަލާކަކަށް ވިޔަ ނުދީ ރައްކާތެރި ކުރަމާ ހިންގަވާށެވެ. މަދަރުސީ ނިޒާމު ނުވަތަ ތައުލީމީ ދާއިރާ ރޭވުމަށް އިސްލާމީ މަންހަޖުގައި ހުރި ފުރިހަމަކަން ތަސައްވުރު ކުރެވޭނެ ހިންގުމުގެ އާ އޮނިގަނޑެއް މިހިދަށް މުހިންމު ވެއްޖެ ނޫން ހެއްޔެވެވެ.