ރޭ އެ ރަށުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކޮށްދެއްވީ، ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް ފެށުމުގެ ހުއްދަ ދެއްވި، އަދި އެ ސިޔާސަތާއި އެއްކޮޅަށް އެތައް މަސައްކަތެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ނަޝީދުގެ އިތުރުން ރޭގެ ހަފުލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި މާފުށީ ކައުންސިލްގެ މެންބަރުން އަދި އެ ރަށުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިންނާއި އެ ތަންތަނުގެ މުވައްޒަފުން އަދި އެ ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.
ހާއްސަ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މާފުށީގެ ބްރޭންޑަކަށް ހަގީގަތުގައި ވާން ޖެހޭނީ އެ ރަށުގެ ވަށައިގެންވާ ގުދުރަތީ ނިޒާމުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާ ރަށަކަށް ވުން ކަމަށެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މިހާރު މާފުއްޓަކީ ދެކޮޅު ޖެހޭ ހަލުވި އިގްތިސޯދެއް އޮތް ރަށެއް ކަމަށެވެ. އަދި އެ ވިޔަފާރިތަކުގެ ފައިދާ މުޅިރާއްޖެ އަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ގެސްޓްހައުސް ވިޔަފާރި ފެށި އެ ރަށް ކަމަށްވާ މާފުށީގައި މިވަގުތު އެތައް ގެސްޓްހައުސް އަކާއި އެތައް ބުރީގެ ހޮޓާތައް އެބަހުއްޓެވެ. ކޮންމެ އަހަރަކު އެ ރަށަށް އެތައް ހާސް ޓޫރިސްޓުންނެއް ޒިޔާރަތްކުރެ އެވެ.
ރާއްޖޭގެ ރިސޯޓުތައް ފިޔަވާ އެންމެ މަގުބޫލު އެއް ރަށުގެ ގޮތުގައި މާފުށި ގުނާލެވޭނެ އެވެ.