ހުޅުމާލޭގައި ހުންނަ ޞަލާހުއްދީން ސްކޫލުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މިއަހަރު ދިވެހި ބަހުގެ އެކަޑަމީން ވަނީ، އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތެއް ބާއްވާފަ އެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1099 މީހުން ބައިވެރިވެފައިވާއިރު، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 1024 މީހުން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން، ޅެން ހެދުމުގެ މުބާރާތުގައި 526 މީހުން ބައިވެރިވެފައިވާއިރު، ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި 298 މީހުން ބައިވެރިވެފައިވެ އެވެ. މިއާއެކު، މި މުބާރާތްތަކުގައި މުޅި ޖުމްލަ 3000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ދަށު ސާނަވީ ބަޔާއި، ސާނަވީ ބަޔާއި، މަތީ ސާނަވީ ބައިގެ އިތުރުން 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތަކާއި، އޮފީސް، ކުންފުނި، ކުލަބު އަދި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެންނެވެ.
ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުއްޖަކަށް އިނާމު ހަވާލުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
އަތު ލިޔުމުގެ މުބާރާތުން އަވަސް ތާނައިން އެއްވަނަ ހޯދީ ކ. ގުޅީ ސްކޫލުގެ އަހްމަދު ސައީދު އެވެ. ރީތި ތާނަ ބައިން އެއްވަނަ އިކްރާމް މޫސާ ދ. މީދޫ ހޯދިއިރު ފަރުމާ ތާނަ ބައިން އެއްވަނަ ހޯދީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޝިފާނާ މޫސާ އެވެ.
އަތު ލިޔުމުގެ މުބާރާތުން އަވަސް ތާނައިގެ ބައިން އެއްވަނަ އަމީނިއްޔާ ސްކޫލް ހޯދިއިރު ރީތި ތާނައިގެ ބައިން އެއްވަނަ ހާސިލް ކުރީ ށ. އަތޮޅު ކައުންސިލް އިދާރާ އެވެ. އަދި ފަރުމާ ތާނައިގެ ބައިން އެއްވަނަ ހާސިލް ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ތަރިކައިގެ ދާއިރާއަށް ތަރައްގީ ނުގެންނަ މިންވަރަށް މި ސަރުކާރުން ތަރައްޤީ ގެނެސްދީފައިވާ ކަމަށާއި، އަންނަ އަހަރު މިދާއިރާއިން އިތުރު މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވެސް ވަނީ ދިވެހި ބަހާ ސަގާފަތާ ތަރިކައާއި ތާރީހު ކުދިންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތަކެއް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ، ހަމައެކަނި ލިޔެފައިވާ ފިލާފަޅުތަކަކަށް ހަނިކުރެވިފައި އޮތް އޮތުން ރަނގަޅު ނޫންކަމަށާއި މި ގޮތް ބަދަލުކުރުމަށް ބައިވަރު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.