މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ހުއާން ގެރޭރޯ ރޯހޯ ނަމަކަށް ކިޔާ މީހެއް ކަމަށް ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) އިން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮލީވުޑްގެ ސަންސެޓް ބޮލިވާޑް ކައިރީގައި ހުންނަ ނޯތު ބްރޮންސަން އެވެނިއުގެ އެޕާޓްމަންޓް އިމާރާތެއްގައެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައީ މީހަކު އަމިއްލައަށް މަރުވާން އުޅޭ ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. ފުލުހުން އެތަނަށް ދިޔައިރު އެމީހާ ހުރީ ވަޅިއެއް ހިފައިގެން ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
އެމީހާ ހުއްޓުވުމަށްޓަކައި ފުލުހުން ފުރަތަމަ ބޭނުންކުރީ ނުރައްކާތެރިކަން ކުޑަ ހަތިޔާރެވެ. އެގޮތުން ފޯމް ވަޒަން ބޭނުންކޮށްގެން އޭނާ ކޮންޓްރޯލް ކުރެވޭތޯ ފުލުހުން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުނުވެ، އެމީހާ ވަޅި ހިފައިގެން ފުލުހުންނާ ދިމާއަށް ދުއްވައިގަތުމުން ފުލުހުން ވަނީ ބަޑިޖަހާފައެވެ.
ބަޑީގެ ހަމަލާ އެރުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެމީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ފުލުހަކަށް އަދި އާންމު މީހަކަށްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެލްއޭޕީޑީ އިން ބުންޏެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.