ހުޅުމާލެ 1 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އާންމުންގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލާއެކު ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެކަަމަކު ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ވެސް އެކަން ނުވެ އޮތީ، އެ ޒިންމާތަކާ ހަވާލުވާން މާލޭ ސިޓީ ކައުންސިލުން ތައްޔާރުނުވާތީ ކަމަށެވެ. އެހެންވެ، އެޗްޑީސީން ހުޅުމާލޭގެ މުނިސިޕަލްގެ މަސައްކަތްތައް ކުރަނީ ވަގުތީ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި އެކަމަކު އެ ވައުދު ނުފުދި ލަސްވަނީ ކައުންސިލުން އެ ޒިންމާތައް ނަގަން ބޭނުން ނުވާތީ ނުވަތަ ތައްޔާރު ނުވާތީ ކަމަށް ވެސް ވެދާނެ އެވެ.
އެޗްޑީސީން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް، 1 ޖެނުއަރީ 2024 އިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމި ކަމަށް މީގެ ކުރިން އިއުލާންކުރި އެވެ. ނަމަވެސް، ދެ އަހަރުވާން ކައިރިވާއިރު ވެސް އެކަން ތަންފީޒެއް ނުކުރެ އެވެ.
ރައީސްގެ ރޭގެ ވާހަކަތަކާއި ގުޅީގެން މިހާރުގެ މާލޭ މޭޔަރު އާދަމް އާޒިމް ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ރޭ ހެއްދެވީ ބުހުތާނު ދޮގެއް ކަމަށެވެ