އެ ކުންފުނިން ބުނީ، މި އަހަރުގެ ޖުލައި 26 ގައި ހުޅުވައި އެ ދުވަހުން ފެށިގެން ބޭނުންކުރަމުން އަންނަ އާ ޓާމިނަލުން ރާއްޖެއިން ފުރި 252،000 ފަސިންޖަރުންނަށާއި ރާއްޖެ އައި 255،000 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.
އާ ޓާމިނަލް ހުޅުވިފަހުން އެންމެ ގިނަ ފަސެންޖަރުންނަށް ހިދުމަތް ދިނީ އިއްޔެ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 19,551 ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރި، 8,681 ފަސެންޖަރުންނާއި ރާއްޖެ އައި 10،870 ފަސެންޖަރުން ހިމެނެ އެވެ.
457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި އާ ޓާމިނަލަށް މިހާތަނަށް ވަނީ 38 އެއާލައިނެއްގެ އޮޕަރޭޝަން ބަދަލުކޮށްފަ އެވެ.
މެލޭޝިއާ އެއާލައިނުން ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި - ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.
އިއްޔެ ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް 2.16 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. އެއީ 325,544 ފަތުރުވެރިންނެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅައިފައި އޮތް އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.