ސަރުކާރި ހިންގާ ޕާޓީން އަންނަނީ، ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޓިކެޓު ލިބޭނެ ކެންޑިޑޭޓުން ހޮވަން މިމަހުގެ 27 ގައި ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އެހެންވެ، ކެންޑިޑޭޓުންގެ ނަންބަރާއެކު، ޕްރައިމަރީގައި ވާދަކުރާ މީހުންގެ ލިސްޓު ޕީއެންސީން މިއަދު ވަނީ އާއްމުކޮށްފަ އެވެ. އަދި ޝަކުވާއަށް ވެސް މިރޭ ވަނީ ހުޅުވާލައިފަ އެވެ.
ޕީއެންސީން ވަނީ ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އެކަމަށް ހާއްސަ ކޮށްފައިވާ ނަމްބަރު 9323686 އަށް ގުޅައި އެކަން ހިއްސާކުރަން އެދިފަ އެވެ.
ވެރިކަން ކުރާ ޕާޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.
ޕީއެންސީން މި ފަހަރު ނިންމާފައި ވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ބާއްވާށެވެ.
އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕްރައިމަރީ މި މަހުގެ 16 ގައި ބާއްވާނެ ކަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެ ޕާޓީގެ ޕްރައިމަރީގައި 125 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.