އާޒިމް މިހެން ވިދާޅުވީ، ހުޅުމާލޭގެ ހިދުމަތްތަކާ ހަވާލުވުމަށް އެޗްޑީސީން މަޝްވަރާކުރުމުން ކައުންސިލުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
އާޒިމް ވިދާޅުވި ގޮތުގައި މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުކުރުމަށް އެކުލަވާލި ޓައިމްލައިނާ އެއްގޮތަށް މަސައްކަތްކޮށް، ކަމާބެހޭ ބައްދަލުވުންތަކުގައި ކައުންސިލުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.
މިގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ސަބްކޮމިޓީތައް އުފައްދައި، ބަޖެޓާ ގުޅޭގޮތުން އޮގަސްޓް މަހު ފިނޭންސް މިނިސްޓްރީއާ ބައްދަލުކޮށްފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އޮގަސްޓް 11 ގައި ރައީސާ މަޝްވަރާކޮށް، ހަމަ އެމަހުގެ 25 ވަނަ ދުވަހު ހިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ފެށުމަށް އެދި އެޗްޑީސީއަށް ސިޓީ ފޮނުވާފައިވާނެކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މި ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް، ކައުންސިލުން އެދިގެން ކުރި މަސައްކަތްތަކަށް މިއަދާ ހަމައަށް ވެސް އަމަލީ ސިފައެއް ނައިސްގެން އުޅެނީ ސީދާ ރައީސް އެކަން ކުރައްވަން ބޭނުންފުޅު ނުވުމުން ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ. މިހާރު ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ވަގުތީ ގޮތުން ދެމުން އަންނަނީ އެޗްޑީސީންނެވެ.