ސައީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅުގައެވެ. އޭނާގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވަނީ، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، އެއްވެސް މަސައްކަތެއް ނުކުރަނީސް ފައިސާ ދޫކުރި މައްސަލައިގައެވެ. ދައުލަތުން ސައީދާއި ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުވާ އުފުލީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު، 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ. ސައީދުގެ މައްސަލަ ނިމި ހުކުމް އިއްވި ނަމަވެސް، ދީނާގެ މައްސަލަ ކުރިއަށް ނުގޮސް ކޯޓުގައި ވަނީ މަޑުޖެހިފައެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ފެނަކައިގެ ހިންގުމާ ގުޅޭގޮތުން އެކުލަވައިލި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ސައީދަށް އަމާޒުވެފައިވެއެވެ. އަދި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަން ފަށާފައިވާއިރު، އިތުރު ދައުވާތަކެއް ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.