މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި އިއްޔެ މި ސަރަހައްދުގެ ވައި ނުސާފުވެފައި ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރަކަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުން ފުހުގެ އަސަރު ފޯރައި، ވައި ނުސާފުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވިލިމާލޭގައި ހުންނަ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްގައި ބަހައްޓާފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމްގެ ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ސާފުމިން ނުވަތަ އޭކިއުއައި ހުރީ 126 ގައެވެ. މި މިންވަރަކީ ސިއްހީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށާއި އަދި އާންމު އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ މިންވަރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް ނޭވާހިއްލުމާއި އެލާޖިކް މައްސަލަތައް ހުންނަ މީހުންނަށް މިކަމުގެ އަސަރު ބޮޑަށް ކޮށްފާނެއެވެ.
ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެކި ހަރަކާތްތަކުގައި ބޭރުގައި އުޅޭ މީހުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސިއްހީ މާހިރުން ލަފާދެއެވެ. މީގެ އިތުރުން މި ދުވަސްވަރު ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަން މަޑުޖައްސާލުމަށްވެސް ވަނީ އެދިފައެވެ.