އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ވައްކަންކުރުން ގިނަވާ އެއް ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބުން ކަމަށެވެ.
އެ ގޮތުން ތަކުރާރުކޮށް ކުށްކުރާ ގާތްގަނޑަކަށް 1،000 މީހުން އުޅޭ ކަމަށާއި ގާތްގަނޑަކަށް ހުރިހާ ވައްކަމެއްގައި ޝާމިލުވަނީ އެ 1،000 މީހުން ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވެފައި ތިބޭ މައްސަލަ ހައްލުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ އެފަދަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރަން ގިނަ އަދަދެއްގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
ރިޕީޓް އޮފެންޑާޒް، ނުވަތަ އެއް ކުށެއް ތަކުރާރުކޮށް ކުރާ މީހުންގެ ތެރޭ، މި އަހަރު އެކަނި ވެސް 50 ފަހަރު ހައްޔަރުކޮށް 586 ފަހަރު ސުވާލުކޮށްފައި ތިބި މީހުން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި 128 ފަހަަރު ހައްޔަރުކޮށް، 1012 ފަހަރު ސުވާލުކޮށްފައި ތިބި މީހުން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.