މި ކަލަންޑަރު ތައާރަފުކުރަން ބޭއްވި ހާއްސަ ހަފުލާއެއްގައި މި ކަލަންޑަރު ތައާރަފުކޮށްދެއްވާފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. މި ހަފުލާގައި ދިރާގުގެ އިސްވެރިންގެ އިތުރުން ކަނޑުތަކާއި ތިމާވެށި ހިމާއަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި އަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވިއެވެ.
ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ، އެ ކުންފުނީގެ މަގުސަދަކީ ކަލަންޑަރުގެ އެހީގައި ވަށައިގެންވާ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރަން ކަނޑުފަޅުތަކުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދީ، ކަނޑުތައް ރައްކާތެރިކުރަން ބާރުއެޅުން ކަމަށެވެ.
މި ކަލަންޑަރުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނާފަ އެވެ. އަދި ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ކަނޑުގައި ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ މައްޗަށެވެ.
މި ގުޅުންތައް ބިނާވެފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތައް ގުޅިލާމެހިފައިވާ ފަދައިން، ކަނޑުގެ ދިރުންތައް ވެސް ކެއިންބުއިމަށާއި ރައްކާތެރިކަމަށާއި ދިރިއުޅޭ ތަން ބިނާކުރުމަށް އެކަތި އަނެކައްޗަށް ބަރޯސާ ވާ ގޮތުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން، ދިރާގަކީ ދިވެހިރާއްޖެ ގުޅުވައިލަދިން ކުންފުންޏެވެ. އަދި ކަނޑަކީ ދިވެހިރާއްޖޭގައި އެކަތި އަނެކައްޗާއި ލާމެހިފައިވާ ގުޅުން ދައްކުވައިދޭ އެންމެ ވަރުގަދަ އެއް މިސާލެވެ.
ރަށްތަކުގެ ތިމާވެށި ދެމެހެއްޓުމަށް ވިލު، ފަޅު އަދި ކަނޑުގެ މެރިން އިކޯސިސްޓަމްގައި ދިރިއުޅޭ މަސްމަހާމެއްސާއި ސޫފާސޫފީގެ މެދުގައި އޮތް ގުޅުން މުހިންމުވާ ފަދައިން، އެކަކު އަނެކަކާ ގުޅުވާލަދީ، ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށާއި، މުޖުތަމައުގެ ކުރިއެރުމަށް ދިރާގަކީ މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.