ads
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ (ކ) އާއި އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު - ފޮޓޯ: ނިއުސް ވަޔާ
އިންޑިއާއިން ލަންކާއަށް އެހީގެ ގޮތުގައި 450 މިލިއަން ޑޮލަރު ދީފި
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ތޫފާން ދިތުވާގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 1.2 މިލިޔަނަށް އަރާއިރު ސްރީ ލަންކާގެ މަގުތަކާއި ރޭލްވޭތަކާއި ހައިވޭތަކުގެ ބޮޑުބައެއްވަނީ ހަލާކުވެފަ އެވެ. އާންމުންގެ ގެދޮރު ހިމެނޭގޮތަށް ލައްކައަކަށް ވުރެގިނަ އިމަރާތް ވަނީ ހަލާކުވެފަ އެވެ. އެހާ ގިނަ އިމާރާތްތަކެއްވަނީ މަރާމާތު ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ.

ޖައިޝަންކަރު ލަންކާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުގައި، ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ލަންކާ އަލުން އާރާސްތުކުރުމަށް 450 މިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ވައުދުވެވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި ސިޓީއެއް ލަންކާގެ ރައީސަށް އަރުވާފައިވާ ކަމަށެވެ.

މި އެހީގައި ހިމެނެނީ 350 މިލިއަން ޑޮލަރުގެ "ކޮންސެޝަނަލް ލައިން އޮފް ކްރެޑިޓް" އާއި 100 މިލިއަން ޑޮލަރު ހިލޭ އެހީ އެވެ.

"އެ އެހީ އިން މަގުތަކާއި ރެއިލްވޭ ސްޓޭޝަންތަކާއި ބްރިޖްތައް އަލުން، ހެދުމާއި، ގެއްލުން ލިބިފައިވާ ގެތަކާއި އެއްކޮށް ހަލާކުވެފައިވާ ގެތައް އެޅުން، ތޫފާނުގެ އަސަރު ކުރި ސިއްހީ އަދި ތައުލީމީ ދާއިރާތަކަށް އެހީތެރިވުން، ދަނޑުވެރިކަމަށް އެހީތެރިވުން، އަދި ކާރިސާތަކަށް ތައްޔާރުވެތިބުމަށް ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށްވެސް އެހީ ލިބޭނެ." ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާގެ މި އިސްނެގުމަކީ ދެ ގައުމުގެ މެދުގައި އޮތް ހަރުދަނާ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށްވެސް ޖައިޝަންކަރު ވިދާޅުވި އެވެ. ޖައިޝަންކަރު އިތުރަށް ވިދާޅުވީ ގެއްލުން ކުޑަކުރުމަށް އިންޑިއާއިން އެހެން ގޮތް ގޮތުން ވެސް މަސައްކަތްކުރާނެ ކަމަށާއި އޭގެތެރޭގައި އިންޑިއާގެ ޓޫރިސްޓުން އިތުރުކުރުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ ވިދާޅުވެފައިވާ ގޮތުގައި އެ ތޫފާނަކީ އެ ގައުމުގެ ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ. ތޫފާންގެ ސަބަބުން އެ ގައުމަށް 7 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ކަމާބެހޭ އޮފިޝަލުން ހާމަކުރެއެވެ.

އދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ދައްކާ ގޮތުގައި ތޫފާނުގެ ސަބަބުން 1.1 މިލިއަން ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް