މިދިޔަ ހުކުރު ދުވަހުގެ ރޭ ކ. މާފުށީގެ ފަތުރުވެރިކަމުގެ އާ ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ހާޓް އޮފް މޯލްޑިވްސް"، ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވަނީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރިސޯޓުތަކުގައި ވިއްކާ "ތަކެތި" ފަތުރުވެރިކަމުގެ ހޮޓާތަކުގައި ވިއްކަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެއީ ސީދާ ކޮން "ތަކެއްޗެއްކަން" އެމަނިކުފާނު ވިދާޅެއްނުވެއެވެ. އެކަމަކު ބައެއް މީހުން ސިފަކުރާ ގޮތުގައި ނަޝީދު ގޮވާލެއްވީ ރަލާއި އޫރުމަސް ހުއްދަކުރުމަށެވެ.
ލޯކަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރެއްވި ނަޝީދަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި ތަކެއްޗަކީ ބަނގުރަލާއި އޫރުމަސް ނޫން ކަމަށާއި އެ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރަން ނުޖެހޭ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށެވެ.
އަދި ބައެއް ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ބަނގުރަލުގެ ބާވަތްތައް ބޭލުމަކީ ދޭތެރެއަކުން ޖެހޭ މައްސަލައެއް ކަމަށާއި އެފަދަ ކަންކަމަށް ހައްލު ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.