"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔަ އިވެންޓްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާއިލާއާ ދުރުގައި އުޅެން ޖެހުން ކަމަށެވެ.
އެހެންކަމުން އެފަދަ ޒުވާނުން މަސައްކަތްކުރާ ރިސޯޓުތަކާ ކައިރިން ބޯހިޔާވަހިކަން ފޯރުކޮށްދީފިނަމަ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވެސް ފުރުސަތު ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ޒުވާނުންނަށް ހާއްސަ ކުރާނެ އެވެ.
އެކި ރަށްރަށުގައި ހިންގުމަށް ހަވާލުކުރި 800 އަށްވުރެ ގިނަ ހައުސިން ޔުނިޓްތަކުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުން ބާރުވެރިކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޯހިޔާވަހިކަމެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ މިރޭ ޒުވާނުންނަށް ދެއްވައިފަ އެވެ. މީގެ ސަބަބުން ޒުވާނުންނަށް އަމިއްލަ ރަށުގައި ނުވަތަ އާއިލާއާ ގާތުގައި ތިބެގެން ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.