އެ ދެ ބޭފުޅުން މިއަދު އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނަށް ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެންމެ ފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ސޯލިހް ވިދާޅުވީ، ކުރީގެ ރައީސުންނާ އެކު ގުޅިގެން މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވޭނެ ކަންތައްތައް ހުރި ކަމަށެވެ.
ސޯލިހު މިއަދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީނާއެކު މަސައްކަތް ކުރެވޭނެ ގޮތެއްގެ ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސޯލިހު އިތުރަށް ވިދާޅުވީ މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން، ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ. އަދި އެކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އެދޭ ކަމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
ޔާމީނާ އެކު އެމްޑީޕީން މަސައްކަތް ކުރަން ބޭނުންވާ އިރު، ޔާމީންް މިފަހުން ވެސް ގެންދަވަނީ އެމްޑީޕީގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަޕޯޓަރުންތަކަކާ އެކު އަމިއްލަ ގެކޮޅުގައި ސިލްސިލާކޮށް ބާއްވަވަމުން ގެންދަވާ ޖަލްސާތަކުގައި ޔާމީން ވިދާޅުވަމުން ގެންދަވަނީ އިގްތިސާދީ ގޮތުން ވެސް ރާއްޖެ މި ހާލަތަށް ވައްޓާލުމުގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ސަލާންކުރައްވަނީ.
އިބޫ ވިދާޅުވީ އެމްޑީޕީއަކީ 20 އަހަރުގެ ދިގު ތާރީހެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީގެ އެގޮތުގައި ދެމިއޮތީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ދަމަހައްޓާތީ ކަމަށެވެ. އަދި އެ ޕާޓީއަކީ އެހެން މީހުންނަށް ފުރުސަތު ފަހިކޮށްދޭ ޕާޓީއެއް ކަމަށާއި އެމްޑީޕީ ނޫން ރާއްޖޭގެ އެހެން ޕާޓީތައް ވަކި ހިސާބަކުން އުވިގެން ދަނީ އެ ފުރުސަތު ނުލިބޭތީ ކަމަށް އިބޫ ވިދާޅުވީ އެވެ.
ސޯލިހު އާއި ނަޝީދު ބައްދަލުކުރައްވަން ނިންމަވާފައި މި ވަނީ، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެފަޅިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދައިގެން ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ނަޝީދު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.
ނަޝީދުގެ އިތުރުން ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން މިދިޔަ ޖޫން މަހު އެމްޑީޕީން ވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. އެހެންމަވެސް، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވާދައިގައި އަނެއްކާ ވެސް ޕާޓީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދި ކޯޅުން ބޮޑުވެފަ އެވެ.