ޓްރާންސްޕޯޓުން ކުރި އިއުލާނެއްގައި ބުނީ އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ޖާގައެއް އޮތުން ލާޒިމު ނަމަވެސް އިދާރީ ގޮތުން ގަރާޖާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް އާންމުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
ގަރާޖާ ގުޅިގެން މިހާތަނަށް ތިން ލިޔުމެއް ހުށަހަޅަން އޮތީ ލާޒިމުކޮށްފަ އެވެ. އެއީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދައާއި މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދައިގެ އިތުރުން ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން އެވެ.
ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންނެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި މި ބަދަލު ގެނައީ، އެއް ހިދުމަތެއް ފުރިހަމަކުރުމަށް ދެ ފަހަރަށް ހުށަހަޅަންޖެހޭތީ ދިމާވާ ދައްޗަށް ހައްލެއް ގެނައުމަށެވެ.
އަދި 2009ވަނަ އަހަރު، ގަރާޖު ލާޒިމްކުރުމުގެ ކުރިންނާއި، ކަނޑައެޅިގެން ވަކި ގަރާޖަކަށް ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުނުކުރެވި ޝަކުވާ ކުރަމުން އަންނާތީ އެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެއާއެކު، މާލޭ ޒޯނުގައިވާ އެ ފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި، ވެރިފަރާތް ބަދަލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބަދަލު އައި ނަަމަވެސް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަން ޔަގީންކުރުމާއި، ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ އެވެ.