ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ސަރަހައްދަށް ކުނި އަޅާ ކަމުގެ ޝަކުވާ ބޮޑުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވި ރޭ އާންމުންގެ ތެރެއިން މީހަކު އެ ވާހަކަ ދެއްކުމުންނެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ކުނި އަޅައިގެން ކަމަށް ބުނެ އެކަމާ އެ މީހާ ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާގެ އެ ވާހަކައަށް ރައްދު ދެއްވައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެ ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވެސް މިއަދު ވިދާޅުވީ ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ މިހާރު ވަނީ ގުޅުވާލައިފަ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްކުރާ އެމްއޭސީއެލުން އިއްޔެ ބުނީ ޖުމްލަ 40 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ 63 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ 63.5 ޕަސެންޓް ކަމަށާއި އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތުގެ ތެރެއިން ފަރުކޮޅުފުއްޓާއި އެ ސަރަހައްދު ގުޅުވާލާފައި. - ފޮޓޯ: އެމްއޭސީއެލް
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.