ads
ނޭނގި ހިތް ގެއްލުނީ - 54 ވަނަ ބައި
އެޕިސޯޑް 54
Advertisement

ފައިލްގައި ލިޔެފައިވާ ތަފްސީލްތަށް ކިޔާލުމަށް އަމާރާ އުޅުނު ވަގުތު، ކޮންމެވެސް އެއްޗެއް ފަލަކް ކިޔާހެން ހީވުމުން ކުރިއަށްވުރެންވެސް ގާތަށް ޖެހިލި އެވެ. އެ ކިޔާއެއްޗެއް ސާފުނުވާތީ، އޭނާގެ މޫނާއި ދިމާއަށް އަމާރާ ގުދުވެލި އެވެ. 

"ދޮ ން ބޭ.. ދޮ ން ބޭ..!" ރަގަޅަށް ހޭ ނާރާތީ، އަކުރުތަށް ކިޔަމުންދިޔައީ ވަރަށް އުނދަގުލުންނެވެ.

ފަލަކް ވާހަކަދެއްކީ ދިވެހި ބަހުންނެވެ. އަމާރާގެ ގައިން ހީބިހި ނެގި އެވެ. އެނދުގައި އޮތް ކުއްޖާގެ ކަޅިރަވައިގެ ބައްޓަމާއި އެ ދިގު އެސްފިޔަތަކަށް އަމާރާގެ ލޯ ފަރިތަ އެވެ. އޭނާގެ މޫނާއި ތަނަވަސް ނިއްކުރިއާއި ތުންފަތުގެ ސައިޒާއި ބައްޓަމަށްވެސް އަމާރާއަށް ބަލައިލެވުނެވެ. އަތުގައި އޮތް ފައިލް ނުވެއްޓުނީ ކިރިޔާ އެވެ. މުޅި ގައިން ހީބިހި ނެގި އެވެ. ނަމަވެސް، ކޮންމެ ހީ އަކީ ޔަގީންކުރާން ހެޔޮވާނެ އެއްޗެއް ނޫނެވެ.

އޭނާގެ ހިޔާލްތަކާއި، ހިތުގެ ބިރުވެރިކަން އެއް ފަރާތްކުރީ ވަގުތާއި ހާލަތުގެ ނާޒުކު ކަމަށް ވިސްނާފަ އެވެ.

"ދޮ ން ބޭ.. ދޮ ން ބޭ.." ހުވަފެނީ ގޮތަކަށް ފަލަކްގެ ދެ ތުންފަތް ދޭތެރެއިން އަކުރުތަށް ފުރެނިގެން އައީ އަމާރާއަށް ނުތަނަވަސްކަމެއްގެ ގޮތުގަ އެވެ. 

ފަލަކްއާއި އޭނާގެ ދޮންބެއާއި، މި ހާދިސާއާއި ކޮންމެވެސް ގުޅުމެއް ވާނެކަމަށް އަމާރާއަށް ގަބޫލުކުރެވުނެވެ. ނުވަތަ ފަލަކްގެ ހަޔާތުގައި ދޮންބެއަކީ މުހިއްމު މީހެކެވެ. 

"ހާސްނުވޭ.. ދޮންބެ އަށް ތިޔަ މެސެޖް ރައްދުކޮށްދޭނަން.. އިން ޝާ ﷲ، ވަރަށް އަވަހަށް ދޮންބެ ހޯދައިގެން ގެނެސްދޭނަން.." ބެންޑޭޖްކޮށްފައި އޮތް އަތުގައި ފިރުމާލާފައި، ލޯތްބާއެކު އަމާރާ ބުނެލީ ވަރަށް މަޑުމަޑުންނެވެ. ހޭ ނާރައި އޮތަސް، ދެބަދޭތެރޭގައި އޮތަސް އަމާރާގެ ފަރުވާލެއް ނެތެވެ. ފަލަކްއަށް އަޑުއިވޭ ވަރަށް އޭނާގެ ކަންފަތް ފުޑުގައި  އަމާރާ ވައުދުވި އެވެ.

ފަލަކްއަށް އިތުރު އުނދަގުލެއް ކުރުމަކީ މިވަގުތަށް ރަގަޅުކަމަކަށް ނުވާތީ، އަމާރާ ގަސްތުކުރީ، ހާލަތާއި ވަގުތަށް ފުރުސަތު ދޭށެވެ. އޭނާގެ އާއިލާގެ މައުލޫމާތެއް ލިބޭނެ ގޮތެއް، ވީ އެންމެ އަވަހަކަށް ހޯދުން މުހިއްމެވެ.

މަޑުމަޑުން ދޮރު ހުޅުވާލާފައި ނިކުތް ވަގުތު އަމާރާގެ ލޮލުގައި އަޅާއިގަތީ ފާރުގައި ލެނގިލައިގެން ނިޔަފަތި ހަފަން ހުރި އަންހެން ކުއްޖެކެވެ. އޭނާގެ މޫނުމަތީން ހާސްކަމާއި ފިކުރުބޮޑުވެފައިވާކަން ސާފުކޮށް ފެނެ އެވެ.

"ފަލަކް ކިހިނެއް..؟ ފަލަކްގެ ހާލު ކިހިނެއް..؟ ފަލަކް ހޭ އަރައިފި ތޯ؟" ކެއްތެރިކަމެއް ނެތި ތެޅިގެންފައި އެ އަންހެންކުއްޖާ ސުވާލުކުރި އެވެ. އަމާރާއަށް ލިބުނީ ހައިރާންކަމެވެ. 

"ތިއީ ކޮން ކުއްޖެއް..؟" ދެ ބުމަ ދޭތެރެއަށް ރޫ އަރުވާލާފައި އަމާރާ ސުވާލުކުރި އެވެ.

"އަޅުގަނޑަކީ، ޝީން..! ފަލަކްގެ ކޮއްކޮ..!" އަވަސް އަރުވާލާފައި ޝީން ތައާރަފްވި އެވެ. 

ހިމޭންކަމާއެކު އަމާރާގެ ބޮލުން އިޝާރާތްކުރީ ހަމަޖެހިލުމަށެވެ.

"ފަލަކްގެ ހާލު ރަގަޅު.. ޒަހަމް ފަހާފައި، ބޭސްއަޅައިފިން... ވަރަށް ބޮޑަށް އައްސިކޮށްފައި އޮތުމުން، މިވަގުތު އޮތީ ނިދިފައި.. އިން ޝާ ﷲ އެއްވެސް ނުރައްކަލެއް ނެތް" ހިމޭންކަމާއެކު އަމާރާ ޖަވާބުދިނީ، ހާސްވެފައި ހުރި ޝީންގެ ހާލަތަށް ވިސްނައިގެންނެވެ. ހިތްވަރު ދިނުމުގެ ގޮތުން ޝީންގެ ކޮނޑުގައި ފިރުމާލުމުން، ގަދަކަމުން ނަމަވެސް ހިނިތުންވުމެއް އަމާރާއަށް ރައްދުކޮށްލި އެވެ.

"އަލްހަމްދު ލިއްލާހި..!" ދައްތަގެ ހާލު ރަގަޅުކަން އެނގުމުން ޝީން ހަމްދުއެޅީ ނުރައްކަލެއް ކުރިމަތި ނުވެ، ފަލަކް ސަލާމަތްކުރެއްވީތީ އެވެ.

"ޝީން، ފަލަކްގެ ދޮންބެ އަކީ ކާކު؟ ދޮންބެއާއި ބައްދަލުކޮށްލަން ފަލަކް ވަރަށް ބޭނުންވޭ.. ދޮންބެއަށް ގުޅާލާފައި މެސެޖް ރައްދުކޮށްލަދޭންވީނުން..؟" ފަލަކްގެ އެދުމެއްގެ ގޮތުގައި ޝީންއާއި ހަވާލުކުރެވުނީ ކިހައިވަރެއްގެ 'މަސައްކަތެއްކަން' އަމާރާއަށް އަންދާޒާވެސް ނުކުރެވެ އެވެ. ހާސްކަމާއެކު ޝީން ތެޅިގަންކަން އަމާރާއަށް ފާހަގަވެސް ނުކުރެވުނެވެ.

"ލައްބަ..! ދޮންބެއަށް މި ގުޅަނީ..!" ހަމަޖެހިލާން މަސައްކަތް ކުރަމުން ޝީން ބުނެލީ ގަދަކަމުން ހިނިތުންވަމުންނެވެ.

ފަސްއެނބުރި އަމާރާ މިސްރާބުޖެހީ އޭނާގެ ކެބިންއަށެވެ. ސިކުނޑީގައި ވަނީ ފަލަކްގެ ނަމެވެ. އޭނާގެ ކަޅިރަވައާއި ތުންފަތާއި ނިއްކުރިއާއި އަތުގެ އިނގިލިތަކާއި ނިޔަފަތީގެ ކުލައާއި ބައްޓަންވެސް އަމާރާގެ ލޮލުގެ ކުރިމަތީން ސިފަވާން ފަށައިފި އެވެ. 

ނަމަވެސް، ކިސްވާގެ ފަރާތުން ކުރިމަތިވި ހާސްކަމާއި، މުޅި ރޭ ނިދިން މަހުރޫމްވެފައި ހުރުމުން ލިބިފައިވާ ލޮޑުކަން، އޭނާގެ ސިކުނޑިއަށް ވަނީ މާބޮޑަށް ބަރުވެފަ އެވެ. 

ކުރެވެމުންދިޔަ ތަފާތު އިހްސާސް އެއްފަރާތްކުރަމުން ސޯފާގައި އިށީންދެ، ދެ ލޯ މަރައިލި އެވެ. 

އަމާރާއަށް ނޭގުނު ހަގީގަތަކީ، ތަގުދީރުގެ ގާނޫނުގައި އޭނާއަށްޓަކައި ކުރިއަށް ލިޔެވިފައިވާ ސަފްހާތަކެވެ. އެ ސަފްހާގެ އަކުރުތަކާއި އެ ލަފްޒުތަކެވެ. ބާރު ދުވެލީގައި ދަތުރު ކުރަމުން އަންނަ އަލިގުޅައެއް ފަދައިން، އަމާރާގެ ހަޔާތަށް ކުރިމަތިވަމުން އައި، ގަދަ ތޫފާނުގެ ކޮޅިގަނޑުގެ ބާރުމިނެވެ.

.................

ޝައްޔާންގެ ފޯނު ރިންގުވަމުން ދިޔައީ އޭނާގެ ޕެންޓްހައުސްގެ ބަދިގޭގެ ކައުންޓަރ މަތިންނެވެ. ތުންޖަހައިގެން ހުރި ތަށި ބަހަށްޓާފައި ފޯނުގެ ސްކްރީނަށް ބަލައިލީ ފަރުވާކުޑަ ގޮތަކަށެވެ.

ނަމަވެސް 'ޝީން'ގެ ނަން ދިއްލެމުން ދިއުމުން، އަތުގައި ހުރި ތަށި ނިކަން އަވަހަށް ކައުންޓަރ މަތީގައި ބެހެއްޓި އެވެ.

ފަތިހުގެ ރަތްވިލާ ވުޖޫދު ނުވަނީސް، މިފަދަ ގަޑިއެއްގައި ޝައްޔާންގެ އެންމެ ކުޑަ ކޮއްކޮ ގުޅަން ޖެހުނު ސަބަބަކާއިމެދުގައި އޭނާއަށް ވިސްނާލެވުނެވެ. ނިއްކުރިއާއި ދެބުމަ ދޭތެރެއަށް ރޫ އަރުވާލާފައި ފޯނު ނަގައި ކަންފަތުގައި ޖައްސާލި އެވެ.

"ޝީން..؟ ކަމެއް ގޯސްވީތަ..؟" ބޭނުން ނުވިޔަސް، ޝައްޔާންގެ ސުވާލު އަމާޒުކުރެވުނީ، އުނދަގޫ މިސްރާބަކަށެވެ.

"ދޮންބޭ.. ދޮންބޭ.. ދޮންތި.. ދޮންތި.. އުޅުނީ.. ދޮންތި، ހޮސްޕިޓަލްގައި..!" ޝީން ބުނަން އުޅުނު އެކައްޗެއްވެސް ސާފުކޮށް ބުނެވޭ ގޮތެއް ނުވި އެވެ. އަޑު ބެދިއްޖެ އެވެ. ޝީންގެ ހިތްދަތި އަޑު ޝައްޔާންގެ މޭގައި ޖެހުނީ ބާރުގަދަ ހިލަގަނޑެއް ފަދައިންނެވެ. ލިބުނު ހަބަރު އޭނާގެ ކަންފަތަށް ހޮނު ގުގުރިއެއް ފަދަ އެވެ. 

ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ދުނިޔެ ވަށައިގެން ހިމޭންވެއްޖެ އެވެ. ކަންފަތް ބަށްވެއްޖެ އެވެ.

"ވަޓް؟ ކޮންތާކު ޝީން ތިހުރީ؟" އަޑު ނިކުންނާން ނެގީ ކިހައި ވަގުތެއްކަން ޝައްޔާންއަކަށް ނޭގެ އެވެ.

"މި ތިބީ ދިއްލީގައި.. ކުރިން ދުވަހު ބުނި ސްޓޭޓްގައި.. ދެ ހަފްތާކުރިން އައި ގޮތަށް، އަދި ރާއްޖެއަށް ނުދަން.. ބޮޑުދައިތަ ބޭބެއާއި ބޮޑުދައިތައަށްވެސް ގުޅައިފިން.. ހެނދުނުގެ ފްލައިޓުން އަންނާނެ... ދޮންބެ ޕްލީޒް، ލައިފް ލައިން ހޮސްޕިޓަލްއަށް އާދެބަލަ..!" ޝީންގެ ގިސްލުމުގެ އަޑު ޝައްޔާންގެ ކަންފަތަށް ފަސޭހައެއް ނުވި އެވެ.

ދެ ލޯ މަރައި ތަގުޅި ކޮށްލި އެވެ. އާއިލާއާއި ވަކިން އުޅެން ކިތަންމެ ބޭނުންވިޔަސް، ކަމެއްޖެހޭ ވަގުތު އެންމެ އަވަހަށް އެންމެ ގާތުގައި އަބަދުވެސް ހުންނާނީ ޝައްޔާން އެވެ. 

ޝުކުރުކުރެވުނީ ސޯޝަލް މީޑިއާއަށެވެ. ޝައްޔާން ދިއްލީގައި ހުރިކަން ޝީންއަށް ނުވަތަ އާއިލާއަށްވެސް އެނގޭނީ ސޯޝަލް މީޑިއާގެ ޒަރީއާއިންނެވެ. ލައިގެން ހުރި ނިދާއެއްޗެހިމަތީން، ކަޅުކުލައިގެ ހޫޑީ ލައިގެން  ކާރު ތަޅުދަނޑި ހިފައިގެން ޝައްޔާން ދުއްވައިގަތީ ވީ އެންމެ އަވަހަކަށް ލައިފް ލައިން ހޮސްޕިޓަލަށް ދިއުމަށެވެ. 

މެހެމާނުންގެ ގޮނޑިބަރީގައި ޝީން، ބޮނޑިވެލައިގެން އިނީ އޭނާގެ ޝޯލްގެ ކަނެއް އަތަށް އޮޅާލައިގެންނެވެ. އެނޫން އެހެން އެއްވެސް އެއްޗެއް އޭނާގެ ހިމާޔަތުގައި އެވަގުތު ނެތެވެ. 

ދުވެފައި ކަހަލަ ގޮތަކަށް، ބާރު ހިނގުމުގައި އައި ޝައްޔާން ފެނުމުން ޝީން ދުއްވައިގަތެވެ.

"ދޮންބޭ.." ޝައްޔާންގެ ދެއަތުގެ ހިމާޔަތުގައި އޭނާއަށް ބޮޑު ބޭބެކިޔާ ކޮއްކޮ ރައްކާކޮއްލި އެވެ. އަޑުންއަޑުނަގައި ޝީން ރޯންފެށީ އެތަށް އިރެއް ވަންދެން އޭނާ ހިފަހައްޓައިގެން އިން ބިރުވެރި އިހްސާސްތަކުގެ ސަބަބުންނެވެ. 

"އިޓްސް އޯކޭ..  މިހާރު ދޮންބެ މިއައީ.. ދެން ހުރިހައި ކަމެއްވެސް ރަގަޅުވާނެ.." ޝީންގެ ކޮނޑުގައި ފިރުމާލަމުން ޝައްޔާން ބުނެލީ، ކޮއްކޮއަށް ތަސައްލީއެއް ހޯދައިދެވޭތޯ އެވެ. 

ނަމަވެސް 'އޯ-ކޭ' ނޫންކަން އެންމެ ރަގަޅަށް އެނގެނީވެސް ޝައްޔާން އަށެވެ.

"ވީ ގޮތް ބުނެދީ..!!" ޝައްޔާންއަށް ޝީންއާއި ހަތަރުކަޅި ހަމަކުރެވޭނެ ވަރަށް ހަށިގަނޑު ދުރުކޮށްލާފައި ބުނެލި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް