ޖޫން 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހެޅި ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާތައް ސާބވިތުވާ ކަމަށް ކޯޓުން ނިންމީ މި ހަފްތާގައެވެ.
މި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް އަމުރުކޮށް، ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމެވެ.
މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކޯޓުން ޙުކުމެއް ކުރުމުން މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށްވަނީ އަންގާފަ އެވެ.
ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށްވެސް އަމުރުކުރި އެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކުރި އެވެ.