ads
މުދާ ކްލިއަކޮށް ދިނުން 24 ގަޑިއިރަށް ބަދަލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.
Advertisement

ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ ވައިގެ މަގުން އަންނަ މުދާ ކްލިއާ ކުރުމަށް ކަސްޓަމުން ދޭން ޖެހޭ ހުރިހާ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

މި ބަދަލު ގެނައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިއަކު ހިއްސާކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.

މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށާއި، ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށް ވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ ބައްދަލުވުމުގައި އެ ކަންބޮޑުވުން ހިއްސާކުރެއްވި، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއާގެ ހިދުމަތް ދޭ ސީޕެކްސްގެ ޖެނެރަލް މެނޭޖަރު ހުސެން ވަނީ ކަސްޓަމްސްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ވިޔަފާރިވެރިންނަށް ކުރިމަތިވަމުން އަންނަ ދަތިތައް ހައްލުކޮށްދެއްވުމަށް އެކިފަހަރު މަތިން ކަސްޓަމްސްގައި އެދިފައިވާކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ކަސްޓަމްސްގެ ވެރިންނަށް އެތަކެއް ފަހަރަކު ދަންނަވައިފިން މައްސަލައެއް ނެތޭ، އެމްއޭސީއެލް އިން އެބަ ބުނެޔޭ އަދި ނެތޭ ޖާގަ ބޮޑު ކުރެވޭކަށް. އަދި ނެތޭ މެޝިން އިތުރުކުރެވޭކަށް. އަދި ނެތޭ ސްޓާފުން ވެސް އިތުރު ކުރެވޭކަށް. އެހެންވެއްޖެއްޔާ ކަސްޓަމްސްގެ ވޯކިން އަވާސް ބޮޑުކޮށްލަދޭށޭ. 24 ގަޑިއިރަށް ހައްދަވައިދެއްވާށޭ. އޭރަށް އަޅުގަނޑުމެންނަށް އެއްކަލަ ފްރީ ޓާއިމްގެ ތެރޭ [މުދާ] ކްލިއާ ކުރެވޭނެ." ހުސެން ވިދާޅުވި އެވެ.

ރައީސް ވަނީ ވިޔަފާރިތަކަށް ފަސޭހަ ކުރުމަށްޓަކައި އެއާޕޯޓާއި ސީޕޯޓްގައި ހުރި ދަތިތައް ހައްލުކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް