ads
ރައީސް މުއިއްޒު އާއި ރައީސް ނަޝީދު
ތަރައްގީ މުހިންމު ނަމަވެސް، ފަރުތައް ސަލާމަތްކުރަންޖެހޭ: ނަޝީދު
ރާއްޖޭގެ ތަރައްގީއަށްޓަކައި ހިންގާ ބިން ހިއްކުމުގެ މަސައްކަތްތަކަކީ މުހިންމު ކަމެއް ކަމަށާއި، ނަމަވެސް އެފަދަ މަޝްރޫއުތައް ހިންގަންވާނީ ގުދުރަތީ ވެއްޓާއި ފަރުތައް ސަލާމަތް ކުރެވޭނެ ގޮތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ނަޝީދު މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވީ މާލެ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ސަބަބުން ކައިރި ހިސާބުތަކުގެ ފަރުތަކަށް ގެއްލުންވަމުންދާ ކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. 

އެމަނިކުފާނު ދާދި ފަހުން މާފުއްޓަށް ކުރެއްވި ދަތުރެއްގައި، އެ ރަށުގެ ގިނަ ރައްޔިތުން ވަނީ ހިއްކުމުގެ މަސައްކަތުގެ ސަބަބުން ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހިއްސާކޮށްފައެވެ.

ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ކޮންޓްރޯލެއް ނެތި މޫދަށް އެޅެމުންދާ ހިލަވެލީގެ ސަބަބުން އެ ސަރަހައްދުގެ މުރަކަ ފަރުތަކަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. ގައުމުގެ ކުރިއެރުމަށް ބިން އިތުރުކުރުމާއި ފަޅުފަޅުން ވެލި ނެގުމަކީ ބޭނުންތެރި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން، ނަޝީދު ވަނީ އެ މަސައްކަތްތައް ކުރަންވާނީ ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އަދި ތިމާވެއްޓަށް ގެއްލުން ނުވާނެހެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަދާފައިވާ ގަވާއިދުތައް ތަންފީޒު ކުރުމާއި، އެކަންކަން ގާތުން ބެލުމަކީ ދައުލަތާއި ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ އަމާޒުގައި މިދިޔަ އަހަރުގެ ފަހުކޮޅު ފެށި ރަސްމާލެ މަޝްރޫއަކީ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއު ހިންގަމުން އަންނަ އެމްއޭސީއެލް އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މަޝްރޫއުގެ 'ސައިޓް އޭ' ގައި ހިއްކުމަށް ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރު ބިން ވަނީ ހިއްކައި ނިމިފައެވެ. ބިޔަ މަޝްރޫއުތައް ހިންގާއިރު ތިމާވެށި ހިމާޔަތްކުރުމަށް ސަމާލުކަން ދިނުމަށް ނަޝީދު ގޮވާލެއްވިއިރު، ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވެސް އަންނަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް