މީގެ ހަ އަހަރުކުރިން، އޮކްޓޯބަރު 20، 2019ގައި، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ މާލީ އެހީ ވަނީ، 3،000 ރުފިޔާއިން 10،000 ރުފިޔާއާ ހަމައަށް އިތުރުކޮށްފައެވެ.
އިއްޔެ، އިސްލާހުކޮށް ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް ގިނަވެގެން ދޭ ފައިސާގެ އަދަދު ވަނީ 15،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާއެވެ.
އެ އިސްލާހުގައި ވާ ގޮތުން، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭނެކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ.
ނަމަވެސް މިއަދު އަލުން އެ ގަވައިދަށް އިސްލާހެއް ގެނެސް، ވަނީ ގެޒެޓުކޮށްފަ އެވެ. ގަވާއިދަށް ދެން ގެނައި ބަދަލަކީ އެހީ ހޯދަން ހުށަހަޅާ މީހާގެ ނަމުގައި އޮންނަ ބޭންކު އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް ވެސް އެހީ ހޯދަން ހުށަހަޅާ ފަރާތުން އެދޭ ނަމަ ފައިސާ ޖަމާކޮށްދޭ ގޮތަށް ހަމަޖެއްސުމެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓްގައި 211 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެ އިނާޔަތް ލިބެންޖެހޭ 5،878 މީހުން އެބަ ތިއްބެވެ.
އެކަނިވެރި މައިންނާއި ބައްޕައިންގެ ޝަކުވާތައް އަޑުއައްސަވައި މިހާރުގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކުރައްވަައި އެފަދަ މައިންބަފައިންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ޝުކުރު އަދާކުރަމުންނެވެ.