ads
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ތެރަޕީ ސެންޓަރެއް --
ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ
ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
Advertisement

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސްޕީޗު ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރެޕިސްޓުން އަދި ސައިކޯ ތެރަޕިސްޓުން ހިމެނޭހެން 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެއްޓެވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެ މަޝްރޫއު ފަށަނީ އަންނަ މަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެންމެ އިސްކަން ދީފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ ސަރުކާރުން އެ ދާއިރާއަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށް ރައީސް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ މަހު, ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނާއި މީހުންގެ ތެރަޕީއަށް 12.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

ތެރަޕީގެ ބާވަތުން ކުރި ހަރަދަށް ބަލާއިރު، 3.5 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އާންމު ގޮތެއްގައި ވެސް، އެންސްޕާއިން އެންމެ ގިނައިން ހަރަދުކުރާ ތެރަޕީއަކީ މި ބާވަތެވެ.

އިތުރު ތެރަޕީތަކަށް ކޮށްފައިވާ ހަރަދަށް ބަލާއިރު:

  • އޮކިއުޕޭޝަނަލް ތެރަޕީއަށް: 3.49 މިލިއަން ރުފިޔާ
  • ސައިކޯ ތެރަޕީއަށް: 99،350 ރުފިޔާ
  • އާލީ އިންޓަވެންޝަންއަށް: 9،000 ރުފިޔާ
  • ސްޕީޗް ތެރަޕީއަށް: 3.27 މިލިއަން ރުފިޔާ
  • އެޑިއުކޭޝަނަލް ތެރަޕީ: 1.88 މިލިއަން ރުފިޔާ
  • ފިޒިއޯތެރަޕީއަށް: 118،452 ރުފިޔާ

މީގެ އިތުރުން، ބޭސްފަރުވާ އެހީގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 58 މީހުންނަށް 435،120 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،938 ކުދިންނާއި މީހުން ރެޖިސްޓާވެފައި ވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5،050 ކުދިންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،613 މީހުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް