އެ ކޮމިޝަނުން ބުނީ އެއީ ކޮމިޝަނާ މެދު ނުބައި ތުހުމަތުތަކެއް ކުރުމުގެ ބޭނުމުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
މިކަމާ ގުޅިގެން އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލު އުފައްދައި އެއްވެސް ދިރާސާއެއް އެ ކޮމިޝަނުން ކޮށްފައި ނުވާނެ ކަމަށެވެ. ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަނީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ އިންޓަނޭޝަނަލް މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ކޮމިޝަނުގެ މަސައްކަތްތަކުގައި ބަޔާންކޮށްފައި ނުވާނެ ކަމަށެވެ. އަދި ހުރިހާ ވަގުތެއްގައި ވެސް އިސްކަން ދެނީ އިސްލާމީ ޝަރީއަތާއި ދިވެހި ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތަށް ކަމުގެ ޔަގީންކަން އެޗްއާރުސީއެމް އިން ވަނީ ދީފައެވެ.