ވީއައިއޭގެ ޓާމިނަލްތަކުގައި މަސައްކަތްކުރާ މީހުންނަށް އިއްޔެ އެމްއޭސީއެލްއިން ފޮނުވި މެސެޖްގައި އެދުނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ ދުވަހެއް ކަމަށާއި އެހެންވެ ތޮއްޖެހުން ކުޑަކުރަން އެންމެން ވެސް ރަނގަޅަށް ހަރަކާތްތެރިވުމަށެވެ.
ދެން ހިއްސާކުރީ މިއަދު އަންނާނެ ފަސިންޖަރުންގެ ލަފާކުރެވޭ އަދަދެެވެ. އޭގައި އޮތް ގޮތުން އާ ޓާމިނަލަށް މިއަދު 10،500 ފަސިންޖަރުން އަންނާނެ އެވެ. އަދި ޓާމިނަލް ދޭކަށް (ބާ ޓާމިނަލް)އަށް 600 ފަސިންޖަރުން އަންނާނެ ކަަމަށް ލަފާކުރި އެވެ. އެހެންކަމުން މިއަދު ރާއްޖޭގެ މައި އެއާޕޯޓަށް 11،000 ފަސިންޖަރުން އަންނާނެ އެވެ.
މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ވަރަށް ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެކެވެ. އަދި ވަރަށް ގިނަ ދިވެހީން ވެސް ބޭރު ގައުމުތަކަށް އެކި ބޭނުންތަކުގައި ފުރާ ދުވަސްވަރެކެވެ.
އެމްއޭސީއެލް އިން މިއަދު ބުނި ގޮތުގައި މިއަދު 22،000 އެއްހައި ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އޭގެ ތެރޭގައި އުމްރާގެ އަޅުކަމަށް ފުރާ ދިވެހީންނާއި، ރާއްޖެ އަންނަ، އަދި ފުރާ ފަތުރުވެރިން ވެސް ހިމެނެއެވެ. މިއަދު މެންދުރުފަހު 14:00 އާ ހަމައަށް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޕީކް ސީޒަންގައި އެންމެ ބާރު ބޮޑުވީ ޑިސެމްބަރު 30 ގަ އެވެ. އެ ދުވަހު ވަނީ 10،300 އެއްހާ މީހުންނަށް ހިދުމަތް ދީފަ އެވެ. އެހެންވެ މިއަދަކީ، ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ދުވަހެވެ.
މިއީ ޖުލައި 26 ގައި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވިފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހެވެ. މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،100 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރެ އެވެ.