މި ޕްރޮގްރާމަކީ ކޯޑުކުރުމުގެ ދާއިރާއިން ކުރިން އެއްވެސް ތަމްރީނެއް ހާސިލުކޮށްފައިނުވާ، ދާއިރާއަށް މުޅިން އާ ޒުވާން އަންހެނުން ޓެކްނޮލޮޖީގެ ދާއިރާއަށް ވަނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ގާލްސް ޓު ކޯޑް މާލެ އެޑިޝަން ޕްރޮގްރާމް 17 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މިހާތަނަށް މި ޕްރޮގްރާމް މެދުވެރިކޮށް ޖުމްލަ 108 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާފަ އެވެ.
ގާލްސް ޓު ކޯޑް މާލެ އެޑިޝަންގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ އަދި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް ފެންނަ ދާއިރާއަކީ ޓެކްނޮލޮޖީއަށް ވާއިރު، ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއަށް އަހުލުވެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި އަންހެނުން ބާރުވެރިކުރަން ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގަމުން އަންނަ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ފާހަގަކޮށް ދެ ފަރާތުން ކުރަމުން އަންނަ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ސަބަބުން، ގިނަ އަދަދެއްގެ ޒުވާން އަންހެނުން މި ދާއިރާއަށް ޝައުގުވެރިވެ، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ އިތުބާރާއި ހިތްވަރު ލިބިގެންދާ ކަމަށެވެ.
ދިރާގުން ބުނީ މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ ވަނީ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފައި ކަމަށެވެ. މިގޮތަށް އުމުރުފުރާ ކަނޑައެޅީ ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، މި ދާއިރާއިން އިތުރަށް ކުރިއަށްދާން ބާރުއެޅުމަށް ކަމަށް ދިރާގުން ބުންޏެވެ.
ހަމަ އެހެންމެ، ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގައި މި އަހަރު ވަނީ “ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި، ހާއްސަ ކެރިއާ ގައިޑެންސް ވޯކްޝޮޕްއެއް، ތައާރަފްކޮށްފައި ކަމަށް ދިރާގުން ބުންޏެވެ. އަދި، ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ރޯލް މޮޑެލްސް އާއި ކުދިންނާއި ބައްދަލުކުރުވައި، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ދިރާގުން މައުލޫމާތުދިނެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް އަސާސީ ކޯޑިން ހުނަރުތައް ދަސްކޮށްދީފައިވާއިރު މިނީ ޕޯޓްފޯލިއޯ ވެބްސައިޓްތައް އުފެއްދުމުގެ ހުނަރު ވެސް ކުދިންނަށް ދަސްވި ކަމަށް ދިރާގުން ބުންޏެވެ. އަދި ލިބުނު ހުނަރު އަމަލީގޮތުން ބޭނުންކޮށް ކެޕްސްޓޯން ޕްރޮޖެކްޓް ތައްޔާރުކުރުމުގެ ފުރުސަތު ލިބުނު ކަންވެސް ދިރާގުން ފާހަގަކުރިއެވެ.
މިއީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.