ads
ލަންކާގެ ރައީސް ސަލްޓަން ޕާކްގައި ގަސް އިންދަވަނީ - ފޮޓޯ: ރައީސް އޮފީސް
ވައުދު ފުއްދަން އިންދާ ގަސްތަކަށް ފެންދިނުމަށް އިލެކްޓްރިކް ވެހިކަލްތަކެއް ގެންނަނީ
ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިންދާ ގަސްތަކަށް ފެންދިނުމަށްޓަކައި ހާއްސަ އިލެކްޓްރިކް ވެހިކަލްތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިކަން ހާމަކުރެއްވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ގަސް އިންދުމަށް ފަހު އެ ގަސްތައް ހެދިބޮޑުވުމަށްޓަކައި ގަވާއިދުން ފެންދިނުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. 

އެގޮތުން ބޮޑެތި ރަށްރަށުގެ މަގުމަތީގައި އިންދާ ގަސްތަކަށް ފެންދިނުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ބޭނުމަކީ މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

މި ޕްރޮގްރާމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މިއަހަރު އިންދުމަށް ކަނޑައެޅި އެއް މިލިއަން ގަސް އިންދުމުގެ އަމާޒު މިހާރު ވަނީ ހާސިލްވެފައި ކަމަށެވެ. 

އެގޮތުން މިހާތަނަށް 1،027،372 ގަސް ވަނީ އިންދައިފައެވެ. ސަރުކާރުގެ އަމާޒަކީ ފަސް މިލިއަން ގަސް އިންދުން ކަމުގައި ވިޔަސް، އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ދީފައިވާ ޔަގީންކަމާއެކު ޖުމްލަ 6.4 މިލިއަން ގަސް އިންދޭނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދެ ހައިވަކަރު ގަސް އިންދާފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފެހި މާހައުލެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް