ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ ތަރިކައިގެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ. ތަރިކައިގެ ދާއިރާއިން ކުރައްވާ މަަސައްކަތަކުގެ ތެރެއިން އެދާއިރާއިން މީހުން ބިނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އާދަމް ނަސީރު ވިދާޅުވި ގޮތުގައި، ދިވެހި ގައުމިއްޔަތާއި ދިވެހިވަންތަކަމަކީ "ހަމައެކަނި އިހުސާސެއް" ގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އިލްމީ އަދި ފިކުރީ މަފުހޫމްތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން ދިވެހި ގައުމިއްޔަތުގެ އިލްމީ މަފުހޫމްތައް މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާޒީ ރަދުންގެ އަސަރުތައް ދިރުވައި އާލާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހއ. އުތީމުގައި ފަށާފައިވާ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
ސްކޮލާޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެ އެވެ. ތަރިކަ ދިރާސާކުރާ މަރުކަޒުން ބުނީ މި ސްކޮލާޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސްކޮލާޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ އިލްމީ އަދި ދިރާސީ ފޮތްތައް ޝާއިއުކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެ މަރުކަޒުން ބުނެފައި ވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާ ދިރާސާކޮށް، އިލްމީ ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުގެ ދަށުން 40 ފަރާތަކަށް މާސްޓާސް ޑިގްރީއަށް ކިޔެވުމަށް، ހިލޭ ސްކޮލަޝިޕް ވެސް މިފަހުން ވަނީ ހަވާލުކޮށްފަ އެވެ.