މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކުރިން މި ސަރުކާރުން އޮތީ ބުނެފައި އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބުރިޖުގެ 67.35 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. ބުރިޖުގެ މަސައްކަތް މިހާރު ދާ ދުވެލީގައި ކަނޑައަޅާފައިވާ ތާރީހަށް ނުނިންމިދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު ފައިސާ ނުލިބޭ ގޮތަށް މަަސައްކަތުގެ މުއްދަތަށް 30 މަސްދުވަސް އިތުރުކޮށްދޭން ކުރިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ދަތިވާ ކަމަށް އެފްކޮންސް ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތަށް އޮތުމުން ކުންފުންޏަށް ކޭޝްފްލޯގެ ދަތިކަން އަންނަ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.