ދިވެހިރާއްޖޭގެ އަޑަށް 63 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި އެ މަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

Advertisement
މި ދެކަނބަލުން މިއަދު ހެނދުނު ބައިވެރިވެވަޑައިގަތީ ދައުލަތުގެ މީޑިއާގެ ރޭޑިއޯ ޗެނަލުން ފޮނުވި "ބާއްޖަވެރި ހެނދުނު" ޕްރޮގްރާމުގައެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، "ވޭތުވެދިޔަ ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ އަޑުން ގައުމަށް އަގުހުރި ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ،" ކަމަށެވެ. ވަކިން ހާއްސަކޮށް މުޖުތަމައު ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، ތެދު މައުލޫމާތާއި ހަބަރުގެ އިތުރުން މުނިފޫހިފިލުވުމުގެ ތެރެއިން ރައްޔިތުންނާ ހަމައަށް މުހިއްމު މެސެޖުތައް ފޯރުކޮށްދިނުމުގައި އަޑު އަދާކުރި ދައުރު އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އުޅުއްވި ހުރިހާ ވެރިންނާއި މުވައްޒަފުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަހަރީ ދުވަހުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެން، ނައިބު ރައީސްގެ ދެކަނބަލުން ވަނީ އެ ބޭފުޅުންގެ އަމިއްލަ ދިރިއުޅުއްވުމާއި އާއިލީ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ނައިބު ރައީސްގެ ސިޔާސީ ހަޔާތްޕުޅާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.