ads
ނޭނގި ހިތް ގެއްލުނީ - 55 ވަނަ ބައި
އެޕިސޯޑް 55
Advertisement

"ފަލަކް އަށް ވީ ގޮތް ބުނެދީ.. ދެ ކުދިން ދިއްލީއަށް އައިފަހުން ދެ ހަފްތާ ވީ.. ވަރަށް މަޖާކޮށްފައި ސޯޝަލްމީޑިއާއަށް ލާ ހުރިހާ ފޮޓޯތަށް ދޮންބެވެސް ބަލަން.. އެއްވެސް އެހީއެއް ބޭނުންތޯ، އެއްވެސް ކަމެއް ބޭނުންތޯ ދޮންބެ ސުވާލެއް ނުކުރަންތަ...؟ ޝައްޔާންގެ ހާސްކަން ދިޔައީ އިތުރުވަމުންކަން، އޭނާގެ އަޑާއި ރާގުން އެކަން ސާފުވެ އެވެ. އިސްއުފުލައި ބަލާލާނެ ހިތްވަރެއްވެސް ނުލިބެނީ ޝީންއަށެވެ.

"ކޮންމެ ފަހަރަކު ދެމީހުންވެސް ބުނަނީ ހުރިހާ ކަމެއް ރަގަޅުކަމަށް.. ޗުއްޓީ ހޭދަކޮށްލަން އައިސް ތިބެނީ އަންކަލް ގޭގައި ކަމަށް ބުނީ ޝީން ނޫންތަ..؟ ދެން ކުއްލިޔަކަށް މިކަހަލަ ވަގުތެއްގައި ފަލަކް ހޮސްޕިޓަލްގައި ބާއްވާއި، ޝީން އެކަނި މިތަނުގައި ހުންނާން ޖެހުނީ ކީއްވެ..؟ އަންކަލްގެ ގެއިން އެއްވެސް މީހަކު މިތަނުގައި ފެންނާން ނެތީ ކީއްވެ؟" އެތަށް ސުވާލެއް ޝައްޔާންގެ ހިތަށް އުނދަގޫކުރަމުން ދިޔަ އެވެ. 

ދެ ކޮއްކޮ، އޭނާއަށް އޮޅުވައިލާ، ބޮޑު ދޮގެއް ދުވަހަކުވެސް ހަދާފާނެކަމަށް ޝައްޔާންއަށް ހީކުރެވިފައެއްވެސް ނެތެވެ. ޝީންގެ ގިސްލުމުގެ އަޑުން ޝައްޔާންއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ.

ހޮސްޕިޓަލްތެރޭގައި ވާހަކަ ދެއްކެނީ މާބާރަށް ކަން ވިސްނާލެވުނު އިރު މާ ލަސްވެއްޖެ އެވެ. ޝީންގެ ދެ ލޮލުގެ ކަރުނަ، އޭނާގެ ކޯތާފަތް ހުރަސްކޮށްފި އެވެ. ދެއަތުގެ އިނގިލިތަށް ތުރުތުރު އަޅަނީ އެވެ. 

"ތެދަށް ބުނޭ..! އެއްވެސް ދޮގެއް އަޑު އަހާކަށް ބޭނުމެއް ނޫން.." ޝީންގެ ދެ ކޮނޑުގައި ހިފަހަށްޓާފައި ޝައްޔާން ބުނެލި އެވެ.

"ދޮންބޭ... ދޮންތި.. ދޮންތި.. ޝީ.. ޝީ.. ޝީ ޓް ރަ އި ޑް ޓު....  ...  އެޓެމްޓް...  ސު އި ސަ އި ޑް!" ވަރަށް އުނދަގުލުން ޝީން ބުންޏެވެ. 

ދެ ލޯ ހުޅުވާނެ ހިތްވަރެއްވެސް ޝީންގެ ނެތެވެ. 

ޝައްޔާންގެ ފައިދަށުން ބިންގަނޑު ދެމިގެންފަދަ އެވެ. އިވުނު އަޑު އޭނާގެ ކަނދުރާގެ ހުރިހާ ލޯލިތަށް ކޮޅަށް ޖަހުވާލި އެވެ. ދެ ކަންފަތުން ހޫނު ނިކުންނާން ފެށި އެވެ.

"ވަޓް!؟ ހައު؟ ވެން؟ އެވަރު ކަމެއް ފަލަކް ކުރަން ޖެހުނީ ކީއްވެ؟ ސަބަބަކީ ކޮބާ؟" ތުރުތުރުއަޅަމުން ޝައްޔާން ސުވާލުކުރި އެވެ. 

"ދޮންތިގެ ހާލު ރަގަޅެއް ނޫން.. މަހެއްހާ ދުވަސް ވެއްޖެ.. އޭނާއާއި ނުލައި ދޮންތިއަކަށް ނޫޅެވޭނެ، ދޮންބޭ..! އޭނަދެކެ ދޮންތި ވަރަށް ލޯބިވޭ..!" އިސްޖަހައިގެން ވަރަށް ބިރުން ހުރެ ޝީން ވާހަކަ ދެއްކި އެވެ. ޝައްޔާންގެ  މޫނަށް އަރަމުންދިޔަ ކުލަތަށް ޝީންއަށް  އިހްސާސްވެސް ނުވެ އެވެ.

"ކޮން އޭނާ އެއް؟ އޭނާ، އަކީ ކާކު؟" ހިތްހަމަނުޖެހިފައި ޝައްޔާން ސުވާލުކުރި އެވެ.

"ދޮންތި ދިއްލީއަށް އައީ އަންކަލްގެ ގޭގައި މަޑުކުރާކަށް ނޫން.. ދޮންތި އަޅުގަނޑު ގޮވައިގެން އައީ 'އޭނާ'އާއި ބައްދަލުކުރަން.. ދެމީހުން ތިބެނީ ހޮޓަލެއްގައި.. އޭނާއާއި ބައްދަލުކުރަން ގޮއްސައި ދޮންތި ރޭގައި ގެއަށް އައީ ވަރަށް ދަންވަރު.. އައި ގޮތަށް ވާހަކައެއްވެސް ނުދައްކާ.. ކޮޓަރި ތަޅުލައިގެން މާގިނައިރު ވީމަ، ރިސެޕްޝަނަށް ގުޅައިގެން އަޅުގަނޑު ދޮރު ހުޅުވީ.." ޝައްޔާން އަޑު އަހަން ބޭނުންވި އެއްޗެއް އޭނާގެ ކަންފަތާއި ހަމައަށް އަދިވެސް ނާދެ އެވެ.

ނަމަވެސް އިވެމުން މިދަނީ އޭނާގެ ހުވަފެނަކުންވެސް ދެކެފައި ނުވާ ވަރުގެ ބިރުވެރި ކަންތަށް ގަޑެކެވެ. އެވަރު ކަމެއް ހިނގާދިޔައިރު ޝައްޔާންއަށް ނޭގުނަސް، އެހެން މީހުންނަށް އެނގެން ޖެހޭނެކަމަށް އޭނާ ގަބޫލުކުރި އެވެ. އާއިލާގައި ހިމެނެނީ އެންމެ ދެ އަންހެން ކުދީންނެވެ. 'މިނިވަންކަމުގެ' ހުއްދަ ދީފައި ވާނީ، މިންގަނޑު ކަނޑައަޅައި ވަކި ހުދޫދެއްގެ ތެރޭގަ އެވެ. ފައިސާގެ ދަތިކަމެއް ދެ ކުދިންނަށް ދިމާނުވާނެ ވަރަށް ޝައްޔާން، އެކަން ބަލަހައްޓަ އެވެ. މިވަރުގެ ކަމެއް ހިނގާފާނެކަމަށް އޭނާއަށް ވިސްނާލެވިފައި ނެތުމުން، ބޮލަށް އެނބުރުން އެރި އެވެ.

އާއިލާއާއި ބާއްވަމުން އައި ގާތްގުޅުން ޝައްޔާން ދުރުކޮށްލީ ސަބަބުތަކަކަށްޓަކަ އެވެ. ނަމަވެސް ޝީން އަދި ފަލަކްގެ ކޮންމެ ކަމެއް އެންމެ ގާތުން ބެލޭތޯ އޭނާ އަބަދުވެސް އައީ މަސައްކަތްކުރަމުންނެވެ. ކުއްލިޔަކަށް މި ލިބުނު މާޔޫސްކަމަކީ، އޭނާގެ އެހީއަށް ކޮއްކޮމެން އެންމެ ބޭނުންވި ވަގުތުގައި އޭނާއަށް ވާނުވާވެސް ނޭގުމެވެ. އަމިއްލަ ނަފުސު ކުއްވެރި ކުރެވުނު ވަގުތުގައިވެސް ޝައްޔާން ތަކުރާރު ކުރީ އޭނާއަށް އެންމެ މުހިއްމުވި ސުވާލެވެ. 

"އޭނާ، އަކީ ކާކުހޭ..؟" އަޑަށް ބާރުލާފައި ޝައްޔާން ސުވާލުކުރީ ޝީންގެ ދެ ކޮނޑުގައި ބާރަށް ހިފަހަށްޓާފަ އެވެ.

"ރާފީ، ރާފީ އާރިޒް ފަހުމީ" ހިމޭންކަން ފޫ އަޅުވާލީ، ބޮޑު ލޯގަނޑެއް ބިއްމައްޗަށް ވެއްޓި ފުނޑުފުނޑުވާ ގަދައަޑާއި އެކު އެވެ. 

ޝައްޔާންގެ ދެ ކަންފަތުގައި އަތް އަޅާއި ދެ ލޯ މަރައިލި އެވެ. އިވުނު އަޑު ހަޖަމުކުރާން އޭނާ ބޭނުމެވެ. ނުރައްކަލުގެ ރަނގަބީލުން ޝައްޔާންގެ ހިތް ކަޅުވެއްޖެ އެވެ. ދެ ލޮލުން ލޭ ތިކި ޖަހާވަރަށް ރަތް ވެއްޖެ އެވެ.

ދެ އަތާއި ދެ ފައި ތުރުތުރު އަޅާން ފެށިޔަސް، އަރި އަޅައިނުލައި ސަލާމަތްވޭތޯ އޭނާ މަސައްކަތްކުރި އެވެ.

ކަތުރު ކަށިގަނޑު މުގުރޭ ވަރަށް ދަތްތަކަށް ބާރުލާފައި ކޯ ކަށިގަނޑު ފިއްތާލި އެވެ.

"މިކަމުގެ އަގު އޭނާ އަދާކުރަންޖެހޭނީ ހިތި ގޮތަކަށް" ފަސް އެނބުރި ހިނގައިގަންނަމުން ޝައްޔާން ބުނެލި އެވެ.

....................

ހެނދުނުގެ ހިމޭންކަމަކީ، ހޮސްޕިޓަލް އެންމެ ހަލަބޮލިވާން ފަށާ ވަގުތެވެ. ޑިއުޓީތަކަށް ހުރިހައި ސްޓާފުން ހަމަވެ، އެމީހެއްގެ މަސައްކަތައިގެން މަސްއޫލުވާ ވަގުތެވެ. 

ދިމާވި ކޮންމެ އެކުވެރިޔަކަށް ހެނދުނުގެ ތަހުނިޔާ އަދާކުރަމުން، ރާފީ ރިސެޕްޝަން ހުރަސްކޮށް ދިޔައީ އޭނާގެ ކެބިންއަށެވެ.

ދުވަހުގެ އާންމު ތާވަލު ސިކުނޑީގައި ރާވާލަމުން،  ކެބިންގެ ތެރެއަށް ވަދެ، ދަބަސް މޭޒުމަތީގައި ބޭއްވި ވަގުތު ލޮލުގައި އަޅައިގަތީ އޭނާގެ ހުއްދަ ނެތި އެހެން މީހަކު އެތަނަށް ވަދެ އިން ކަމެވެ. ފުރަގަސްދީގެން އިނުމުން އެއީ ކާކު ކަމެއް ރާފީއަކަށް ނޭގުނެވެ.

"އެކުސްކިއުޒް މީ،؟!" އެމީހަކާއި ދިމާއަށް މިސްރާބު ޖަހާފައި ރާފީ ބުނެލި އެވެ. އެމީހަކު އިށީންދެ އިން ގޮނޑި އަނބުރާލުމާއެކު ކުރަކި އަޑެއް ކިޔާލާފައި ގޮނޑި އެނބުރުނީ ރާފީއާއި ކުރިމަތިވާ ގޮތަށެވެ.

ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް ޖައްސާލެވުނުކަން ރާފީއަށްވެސް އިނގުނެވެ.

ކުރިމަތީގައި އެ އިނީ އެހެން ދެވަނަ މީހެއް ނޫނެވެ.

ޝައްޔާން ޔޫސުފް ރައިޒާދް އެވެ. އެމީހަކުދެކެ އެންމެ ނަފްރަތުކުރާ އަދި އެންމެ ދެކެން ބޭނުން ނުވާ އިންސާނާ އެވެ.

ރާފީގެ ހިތުގައި ހަލަބޮލިވެގަތް އޮއެވަރުގެ ބާރުމިން، ޝައްޔާން އާއި ހަމައަށް ދިޔައީ ނަފުރަތުގެ އަލިފާން ކަނިތަކެއްގެ ސިފައިގަ އެވެ. ހެނދުނުގެ ވަގުތުގައި އެ ކެބިންއަށް ދޮންތަ އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރާފީއަށް ނޭގުނީ އަމާރާ ރޭގައި ހުރީ ހޮސްޕިޓަލު ޑިއުޓީގައި ކަމާއި އޭނާ ގެއަށް ދިޔައީ ހެނދުނުކަމެވެ. 

ކުރިމަތީގައި އިން އިންސާނާގެ ވައިވެސް އޭނާގެ ދޮންތަގެ ގަޔާއި ކައިރިން ދަތުރުކޮށްލުމުގެ ހުއްދަ ރާފީ ނުދޭނެ އެވެ. ޝައްޔާން އާއިމެދު އޭނާގެ ހިތުގައި ވަނީ ނަފްރަތާއި ރުޅިވެރިކަމެވެ.

"އެރި އިރާއެކު ކޮންފަދަ މުސީބާތެއް މިއީ.. ދާންވީ މަންޒިލްގެ މަގު އޮޅުނީތަ؟" ހަރުކަށިކަމުން ފުރިގެންވީ ބުނެލުމަކުން ރާފީ ޝައްޔާން އާއި ކުރިމަތި ލި އެވެ.

ރާފީގެ ނަފުރަތާއި ރުޅިއާއި ނުރުހުމަށް ޝައްޔާން އެއްވެސް އެއްޗެއް ނުބުންޏެވެ. ނަމަވެސް ހަށިގަނޑަށް ލޮޅުމެއްވެސް އަރުވައި ނުލައި ގޮނޑިން ތެދުވެ، ރާފީގެ ކުރިމަތީގައި ހުއްޓުނެވެ. 

ކުއްލިޔަކަށް ގެނައި ހަރަކާތަކާއެކު ރާފީގެ ގިރުވާނުގެ ދެފަރާތުން ހިފާފައި ގެންގޮސް ފާރުގައި ތަތްކޮށްލީ، އެކްޝަން ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. 

އެސްފިޔަ ޖަހައިލާނެ ސިކުންތެއްވެސް ނުދީ ގައި ހުރި ބާރަކަށް ރާފީގެ އަނގަމަތީގައި ގޮއްމުށްކަވާފައި ޖެހީ، ޝައްޔާންގެ ހިތުގައި އަނދަމުންދިޔަ އަލިފާނަށް ފިނިކަން ހޯދާށެވެ. 

ރާފީގެ ގައިން ޝައްޔާން ދޫކޮށްލުމާއެކު، އޭނާގެ ހަށިގަނޑު ވެއްޓުނީ ޝައްޔާންގެ ފައިބުޑަށެވެ. އަނގައިގެ އެތެރެ އާއި ތުންފަތް ފަޅައިގެން ދިއުމުން، ރާފީގެ މޫނު މައްޗާއި ލައިގެން ހުރި ހުދު ގަމީހުގައި އޮތީ ލެޔެވެ.

އެއް ފަރާތަކަށް މޫނު އަނބުރާލާފައި އަނގަފުރައި ލޭގެ ކުޅުވަރެއް ޖެހުމަށްފަހު ރާފީ ކޮޅަށް ތެދުވި އެވެ. 

"ކަލޭ ފެންވަރު އޮޅިގެން ނޫޅެއްޗޭ..! އަހަރެންގެ ކޮއްކޮއާއި އެއް މަގަކުން ހިނގުމުގެ ފެންވަރުވެސް ކަލޭ ގައިގައި ނުހުންނާނެ..! ހައު ޑެއަރ ޔޫ ހަރޓް މައި ސިސްޓަރ؟" ރާފީއާއި ދިމާއަށް އިނގިލި ދިއްކޮށްފައި ޝައްޔާން ބުނެލީ ނުރުހުމާއި، ހަރުކަށިކަމާއެކު އެވެ.

"އޯހ.. ފަލަކްގެ ވާހަކަ ދޯ ތި ދައްކަނީ..؟ އަހަރެންވެސް ތަކުރާރުކޮށްލަން އޮތީ، ކަލޭގެ ތިޔަ ޖުމުލަ؟" ޗޮކެއް ކަނޑާލާފައި އެއް މިޔަކަނުން ހިނިއައިސްފައި ރާފީ ބުނެލި އެވެ.

"މިސްޓަރ ސްޕަސްޓަރ ޝައްޔާން ޔޫސުފް ރައިޒާދު، ހައު ޑެއަރ ޔޫޔޔ.. ހަރޓް މައި ސިސްޓަރރރ؟" ދެ ލޯ ވައްކޮށްލާފައި ރާފީ ޝައްޔާންއާއި ކުރިމަތިލި އެވެ.

ދެވަނަ ހަމަލާއެއް ދިނުމަށްޓަކައި ކުރިއަށްވުރެވެސް ބާރަށް ޝައްޔާންގެ އަތް އުފުލާލި އެވެ. 

ނަމަވެސް މިފަހަރު އެ އަތް، ވައިގެ ތެރޭގައި ހުއްޓުވާލީ ރާފީ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް