މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އިން ބުނީ މިއީ އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމްކޮށްފަ އެވެ.
ހުޅުމާލޭގައި ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއިން މިއަދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފަ އެވެ. އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ އެވެ.
ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)
ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިންވެސް ހިންގާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫއުތަކުން ކުންފުނީގެ ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)
ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މި ކުންފުންޏަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.
ބީއެމްއެލްގެ ސަބްސިޑަރީން، ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކުރުން - ފޮޓޯ: ބީއެމްއެލް
މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވާނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގަ އެވެ. އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުންޏެވެ.
އެ ބެންކުން ވަނީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބުނެފަ އެވެ. އަދި ބީއެމްއެލްއާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭއިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ ބޭނުމަކީ އެ ފްލެޓް އެޅުމަށް ފަހު "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ. އަދި ކުލި ދައްކައި ނިމުމުން، އެތަން ކުއްޔަށް ނަގާ މީހަކަށް މިލްކުކޮށް ދެވޭނެ ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އިމާރާތްކުރާ ފްލެޓުތަކުގެ ބިން ބީއެމްއެލް އަށް ދޫކޮށްފައި ވަނީ ހިލެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެއީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށެވެ.