ads
މީގެ ކުރިން ހިރިމަރަދޫ ކައުންސިލާއެކު ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ގަރާރު ނެރެފި
ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނިންމަވައިފި އެވެ.
Advertisement

ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު މިހާރު އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިސްލާހު ކުރި ލިސްޓަށް އަމަލުކުރާނީ ހިރިމަރަދޫ މީހުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އަންގައި އިއުލާންކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތައް ކަނޑައެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ އެވެ.

އެގޮތަށް ކަނޑައެޅުއްވީ، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި ބަލަން ޖެހޭނީ އެ މީހުން އަލަށް ބަދަލުވި ރަށް ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނާތީ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލްގެ މެމްބަރުން ހޮވުމަށެވެ.

މި އިސްލާޙަށް އަމަލުކުރަން ފަށާނީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައި ވެއެވެ.

ހިރިމަރަދޫ މީހުން ހަނިމާދު އަށް މީހުން ބަދަލު ކުރުމަށް ނިންމީ، އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ސަރުކާރުގައި އެދުމުންނެވެ. އެގޮތުން އެ ރަށުގެ ރައްޔިތުން ހަނިމާދު އަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވިކަން އިއުލާންކުރީ، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް