ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހައްޔަރުގައި ތިބީ ދެ މީހުންނެވެ.
މިދިޔަ އޮގަސްޓްމަހު ތަސްދީގޮށް އަމަލުކުރަން ފެށި، "ގޭންގު ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގައިވާ ގޮތުން، ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާ އަކީ ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު، ފޮނުއްވަން ޖެހޭނީ އެ ގާނޫނުގައިވާ ގޮތުން ހައި ކޯޓަށެވެ. ކުށްކުރާ އެ ގްރޫޕަކީ، ގޭންގެއް ކަމަށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން މިއަދު ބުނީ، މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިހާތަނަށް 6 ތަނެއް ބަލައި ފާސްކޮށް، 7 މައްސަލައެއްގައި 11 މީހުން ހައްޔަރުކުރި ކަމަށެވެ. މީގެ ތެރޭގައި ހައްޔަރުގައި 2 މީހުން އެބަތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ދެ މައްސަލައެއްގައި ދައުވާ ކުރުމަށް މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގޭންގް ކަނޑައެޅުމަށް މައްސަލައެއް އެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.