ads
ސަނީ އުމަރު
ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ: ފުލުހުން
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ގ. މާވަނި، ހުސައިން ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
Advertisement

ފުލުހުން މިއަދު ބުނީ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.

ސަނީ އުމަރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުންކުރި އަމުރު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށެވެ.

"ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި އަދި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި،" މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނީ، މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށެވެ.

ސަނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއްގައި ކަމަށް ސޯޝަލްމީޑިއާގައި އާންމު އެކި ފަރާތްތަކުން ބުނެފައިވެ އެވެ.

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރު ހައްޔަރުކުރީ ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ.

ފުލުހުން ކުރިން ބުނީ، އޭގެ ފަހުން ސަނީ ދޫކޮށްލުމަށްފަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކުރީ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް އާއިލާއިން ރިޕޯޓްކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ސަނީ އުމަރު ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން، އޭނާގެ ހިއްސާ އޮތް ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް