ads
ކެބިނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒާއި ވަޒީރުން - ފޮޓޯ: ރައީސް އޮފީސް
"ޕްރޮޖެކްޓް އައިލާ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅުއްވައިފި
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
Advertisement

މިއީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި އެސް.އީ.ޒެޑެއް ތަރައްގީކުރުމަށް ޓަކައި ކްރިސްޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅިގެން ރައީސް މުއިއްޒު ކަނޑައެޅުއްވި އިކޮނޮމިކް ޒޯނެކެވެ.

މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫއެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި "ޕްރޮޖެކްޓް އައިލާ" ގެ މަސައްކަތް ފެށުމުން، ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، ހާއްސަކޮށް ޒުވާނުންނަށް ފަންނީ ހުނަރު ލިބިގަތުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"ޕްރޮޖެކްޓް އައިލާ" އެސްއީޒެޑްގައި ކުރުމަށް ހުއްދަދީފައިވާ ކަންކަން

  • ލަގްޒަރީ ވިލާ އަދި ހައި-އެންޑް ހޯމްސް ހިމެނޭހެން ތަރައްގީކުރެވޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް
  • ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުން.
  • ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުން.
  • އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ގާއިމުކުރުން.
  • ޒޯނުގައި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށްވުން.
  • ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަކަލްޗަރުގެ ވަސީލަތްތައް ގާއިމުކުރުން.
  • ޒޯންގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުން.
  • ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން.

މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން، އެސްއީޒެޑެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ގަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވަނީ، "އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"އިން، ރާއްޖޭގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޓައުންޝިޕްގެ ސަބަބުން ދިވެހި ވަޒީފާގެ ބާޒާރުގައި ވަޒީފާ އިތުރުވެ، އިގުތިސާދު ކުރިއަރައިދާނެ ކަމަށެވެ. މި މަޝްރޫއު ވީ އެންމެ އަވަހަށް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް