މިކަން ހާމަކޮށްފައި ވަނީ މާދަމާ އިން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގަ އެވެ.
އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ސޯޝަލް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއެއް އާސަންދަ ލިބޭ ގޮތް ހަމަޖައްސާފައިވާކަން އިއުލާން ކޮށްފަ އެވެ.
އެންސްޕާއިން އަންނަ އަހަރު ފަށާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ހަފުލާއެއްގައި އެ އިދާރާއިން ވަނީ، އާސަންދައިން ހުރިހާ ހަރަދެއް ދޭނީ ހަތް ތަނަކަށް ކަމަށް ބުނެފައެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ނަފުސާނީ މައްސަލަތައް ގިނަ ގައުމެކެވެ. ނަމަވެސް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން ދިގު ކިޔޫއެއްގައި ތިބެން ޖެހުމަކީ އެތައް ބަޔަކަށް ތަކުލީފަކަށް ވެފައިވާ ކަމެކެވެ.
ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.