މި ކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ސޮފްޓޮވެއާތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެެ. އަރިހުގައި ހެލްތް މިނިސްޓަރު ނާޒިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.
އަލަށް ތައާރަފުކުރި ސޮފްޓްވެއާތަކުގެ ތެރޭގައި ހިމެނެނީ، ހެލްތު މިނިސްޓްރީއާއި ސިއްހީ މަރުކަޒުތަކާމެދު ކުރެވޭ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ތައާރަފުކުރި ސޮފްޓްވެއާއަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނުން ބަލަހައްޓާ މެޑިކަލް ސްޓޮކް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ވަގުތުން މިނިސްޓްރީއަށް ފެންނަ ސޮފްޓްވެއާކެވެ.
އޭގެ އިތުރަށް، އިންސާނީ ވަސީލަތްތައް މެނޭޖުކުރުމަށް ބޭނުންވާ އެޗްއާރު ސޮފްޓްވެއާއަކާއި، މިނިސްޓްރީއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާ ކުރުމަށާއި ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުން ސިއްހީ ހިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ހިމެނޭ ސޮފްޓްވެއާއެއް ވަނީ ތައާރަފުކޮށްފަ އެވެ.
ސޮފްޓޮވެއަރތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ސިއްހީ މަރުކަޒުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.