ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑު ގެއްލުމުގައި ހިންގަމުން އަންނަ އާރުޑީސީން އެ ކުންފުނީގެ އާ ލޯގޯ ބޭނުންކުރަން ފެށީ އާ އަހަރާއި ދިމާކޮށް އިއްޔެއެވެ.
އެ ކުންފުނިން ބުނީ އާ ލޯގޯއިން ރަމުޒު ކޮށްދެނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގާ ކަމަށްވާ ފަން ވިނުންކަމަށެވެ. ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ ފެންނަ މި ލޯގޯއިން އާރުޑީސީގެ އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުން ދައްކުވައިދޭކަމަށް އެ ކުންފުނިން ބުނެއެވެ.
" މި ލޯގޯއިން ހަތަރު އަނގޮޅި ކަންމައްޗެއް ވެސް ރަމްޒުކޮށްދޭ، އެއިން ދައްކުވައިދެނީ ގުޅުމާއި، ދަތުރުފަތުރުކުރުމާއި، ޤައުމީ ތަރައްގީއަށް ދިމާލަށް އެކި މަގުތައް ގުޅިލާމެހިފައިވާ ކަން." އާ ލޯގޯ އާއްމުކޮށް އާރުޑީސީން ބުނެފައިވެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ދާދި ފަހުން އާއްމުކޮށްފައިވާ ކުންފުނިތަކުގެ ރިޕޯޓްތައް ދައްކާ ގޮތުން އާރުޑީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113.73 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.