ހަނިމާދޫ އެއާޕޯޓް ހިންގުމުގެ ވާހަކަ އަނެއްކާވެސް ފެންމަތި ވެގެން މިއުޅެނީ އިންޑިއާގެ ނުފޫޒުގަދަ ނޫހެއް ކަަމަށްވާ "ދަ ހިންދޫ" ގައި ޖެހި ހަބަރަކާ ގުޅިގެންނެވެ. އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް, އިންޑިއާގެ ކުންފުންޏަކުން ހިންގައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަށް ހަދަން ޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް, އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ކުރަން ފަށަން ނިންމާފައިވާ ކަމަށް ވެސް ދަ ހިންދޫގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
މި ބަހުސް ބޮޑުވެފައި އޮއްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި, އެ އެއާލައިނާ ގުޅިގެން އެ އެއާޕޯޓް ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑު ވާނެ ކަމަށެވެ.
މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.
ފަހުން ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގަ އެވެ.