ސިވިލް ސާވިސްގެ އަންހެން މުއައްޒަފުން އޮފީހަށް އަންނައިރު ހެދުން އެޅުމާއި، ޒީނަތްތެރިވުމުގެ ގޮތުން ކުރެވޭ ބައެއް ކަންކަމަށް ސަރުކާރުން ވަނީ ދާދި ފަހަކުން ގަވައިދެއް އެކުލަވާލާފަ އެވެ.
އެ ގަވައިދުގައި، އަންހެން ސިވިލް ސާވަންޓުން ހެދުން އެޅުމުގެ މިންގަނޑުތައް ވަނީ ތަފުސީލުކޮށް ބަޔާންކޮށްފައެވެ. މިގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި، އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކުލަ ޖެއްސުން މަނާކޮށްފައިވެއެވެ.
ރައީސް ނަޝީދު އެކްސްގައި ވިދާޅުވެފައިވަނީ ދައުލަތުން މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން މިއަދު ވިދާޅުވެފައި ވާއިރު އެމްޑީޕީންވެސް މިއަދު ވަނީ ސިވިލް ސާވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ޒާތީ މިނިވަންކަން ހަނިކުރުން ކަމަށްބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދާކަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.
ސީއެސްސީން މިފަހުން އާންމުކުރި އިސްލާހުގައި ވަނީ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެން ވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށެވެ. އަދި ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވި ދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ފިރިހެން މުވައްޒަފުން އޮހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ.
އަދި އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުން ކުރަން ވާނީ ދިގު ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެއް ކަމަށް ބުނެފައިވެ އެވެ. އަދި ހެދުން އެޅުމުގައި ޚާއްސަ ސަމާލުކަން ދޭންވީ ކަންކަން ފާހަގަކޮށް، އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން މަނާކޮށްފައިވެ އެވެ.
އަންހެނުން އޮފީހަށްދާއިރު މޭކަޕްކޮށް ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅެ އެވެ. އެކަމަކު އިސްތަށިގަނޑު ހުންނަން ޖެހެނީ ރީތިކޮށެވެ. އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފަ އެވެ.