އެމްޑީޕީން މިއަދު ނެރުން ނޫސް ބަޔާނެއްގައިވާ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި، އެކަމަށް ހާއްސަކޮށް އެކުލަވައިލެވުނު ގާނޫނު ނަންބަރު 2010/7 އަށް އަމަލުކުރަން ފަށައި، ލޯކަލް ކައުންސިލްތައް ގާއިމުކުރުމަށްފަހު، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގައި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ ބާރުތަކާއި ވަސީލަތްތައް ކައުންސިލްތަކަށް ދިނުމަށް ޓަކައި މުހިންމު އިސްލާހުތައް އެ ގާނޫނަށް ގެނެވިފައިވާ ކަމުގަ އެވެ.
އެހެން ނަމަވެސް، މި ސަރުކާރުގެ ދައުރު ފެށުމާއެކު، އަނެއްކާވެސް މި ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށާފައިވާ ކަމަށް އެމްޑީޕީން ވަނީ މި ބަޔާނުގައި ތުހުމަތު ކޮށްފައި އެވެ.
އެ ޕާޓީން ބުނާގޮތުގައި އެމް.ޑީ.ޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިން ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށުކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތްތައް ހުއްޓުވައިފައިވާ ކަމަށާއި ނަމަވެސް ހައުސިންގޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ވަނީ ކޯޓު އަމުރާ ހިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގާފައިވާ ކަމަށެވެ.
މިކަމަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަންކަން ކަމުގައި ވާތީ، އެ ކަންކަންހުއްޓައިލުމަށް ސަރުކާރަށް އެމްޑީޕީން ވަނީ ގޮވާލާފައި އެވެ.
އަދި، ސަރުކާރުގެ މި އަމަލުތައް ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށްތުޅާދޫ ކައުންސިލަށް ގޮވާލާ ކަމަށާއި އެ މަސައްކަތުގައި އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ އެ ބަޔާނުގައި ދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;