ads
އެވިޑް ކޮލެޖު
އެވިޑުން ލަންކާގައި ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގި މައްސަލައެއް
ގަވައިދާ ހިލާފަށް، ހުއްދަ ނުދޭ ބޭރުގެ ބައެއް ކޮލެޖްތަކުގެ ކޯސްތައް ތަކުރާރުކޮށް ހިންގަމުންދާތީވެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެވިޑް ކޮލެޖަށް މިއަދު ފިޔަވަޅު އަޅައި އެކަން އާންމުކޮށް އިއުލާންކޮށްފި އެވެ.
Advertisement

އެމްކިއުއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުން ސްރީލަންކާގެ އެމަޒޯން ކޮލެޖާއި އަލްޒެޓް ޔުނިވާސިޓީގައި ޕްރޮގްރާމްތައް ހިންގައި ދަރިވަރުންނަށް ސަނަދު ދީފައިވާކަން އެކި ފަރާތްތަކުން ހުށަހެޅި މައުލޫމާތުން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އިތުރު ފަސް މަރުކަޒެއްގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ހިންގާނެކަމަށް ބުނެ އިޝްތިހާރު ކުރަމުންދާކަން ވެސް އެ އޮތޯރިޓީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.

"މި ތަންތަނަކީ ސްރީ ލަންކާގެ ޔޫޖީސީ، ޓީވީއީސީ އަދި [އެ ގައުމުގެ] މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަންގައި މަތީ ތައުލީމް ދިނުމަށް ރަޖިސްރީކޮށްފައިވާ ތަންތަން ނޫން،" ބަޔާނުގައިވެ އެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށް އޮންނަ ބައިނަލްއަގުވާމީ އިތުބާރު ގެއްލި، ގައުމުތަކުގެ ގުޅުމަށް ބުރޫއަރައި، ރާއްޖޭގެ ސަނަދުތަކުގެ ފެންވަރާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތްކަން އެމްކިއުއޭ އިން ފާހަގަކުރެ އެވެ. އަދި ބޭރުގެ ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ކިޔަވަން އަންނަ ދަރިވަރުން މަދުވެ، ރާއްޖޭގެ ތައުލީމީ މިންގަނޑުތަކަށް އޮންނަ ޔަޤީންކަން ކުޑަވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

މީގެ އިތުރުން ބޭރުގެ ދަރިވަރުން ރާއްޖޭގެ ސަނަދުތަކާ މެދު ސުވާލު އުފައްދައި، ސަނަދުތަކުގެ މަގުބޫލުކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފަ އެވެ. އެހެންކަމުން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑު ކޮލެޖަށް ވަނީ ނަސޭހަތްތެރިވެ، އެކަން އާންމުކޮށް އިއުލާނުކޮށްފަ އެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ވެސް، ރާއްޖޭން ބޭރުގައި އެމްކިޔުއޭގެ ހުއްދަ ހޯދައިގެން ކޯސްތައް ހިންގުމަށް އިލްތިމާސްކޮށްފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް